މަސް ގަންނަ އަގު ދަށްވުމަކީ މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަށް ވާއިރު، މަސް ގަންނަ އަގު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒު ކޮމްޕެނީ (މިފްކޯ)އިން މިއަދު އަނެއްކާވެސް ބޮޑުކޮށްފިއެވެ.
އެ ކުންފުނިން އާދިއްތަ ދުވަހު ހާމަކުރި ގޮތުގައި، ހޮނިހިރު ދުވަހު އެ ކުންފުނީގެ ހުރިހާ ބަނދަރަކުން ވެސް ކަޅުބިލަމަސް ކިލޯއެއް 17 ރުފިޔާއަށް ގަތް ނަމަވެސް، އާދިއްތަ ދުވަހު، އެ އަގު ވަނީ 18.50 ރުފިޔާއަށް މަތިކޮށްފައެވެ. އެ އަގުގައ ދެ ދުވަހެއް އޮތުމަށްފަހު މިއަދު މިފްކޯއަށް މަސް ގަންނަނީ ކިލޯއެއް 20 ރުފިޔާއަށް ކަމަށް އެކުންފުނިން ވަނީ ހާމަކުރައްވާފައެވެ.
މަސްވެރިކަމުގެ ބާޒާރުގެ ހާލަތަށް ރިއާޔަތްކޮށް ގެނައި މި ބަދަލަކީ، ދާއިމީކޮށް ވަކި އަގަކަށް ނިންމި ނިންމުމެއް ނޫން ނަމަވެސް މިދުވަސްވަރު މުޅި ރާއްޖޭގައި ވެސް މަސްވެރިކަން ދަށްވެފައިވާއިރު، ކުރިއަށް އޮތްތަނުގައި ވެސް މަސް ލިބޭ މިންވަރަށް ބަލައި އަގުތަކަށް ބަދަލުއައުން އެކަށީގެންވާ ކަމަށް މިފްކޯއިން ހާމަކޮށްފައިވެއެވެ.
މަސް ގަންނަ އަގު މައިގަނޑުގޮތެއްގައި ބިނާވަނީ ޑިމާންޑު އަދި ސައިޕްލައިއަށެވެ. މިފްކޯއިން މަސައްކަތްކުރަނީ ސަރުކާރުގެ ސިޔާސަތުތަކާއެއްގޮތަށް މަސްވެރިންގެ އަތުން މަސް ގަންނަ އަގު އެންމެ މަތިކުރުމަށްކަމަށް މިފްކޯއިން ކުރިން ވަނީ ވިދާޅުވެފައެވެ.
ބާޒާރުގައި އަގު ކިތަންމެ ބަދަލުވި ނަމަވެސް މަސްގަންނަ އަގު 16 ރުފިޔާއަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވެސް ވެއެވެ.
މިފްކޯއިން ވިދާޅުވީ، އެކުންފުނީގެ ފެލިވަރު، ކޫއްޑޫ އަދި އައްޑޫގައި ޤާއިމުކޮށްފައިވާ ކާރުހާނާތަކުގެ އިތުރުން ގދ.ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ އަދި އިހަވަންދޫއާއި ފުވައްމުލައް ސިޓީގެ ބަނދަރުން އަންގާރަ ދުވަހު މިއަގުތަކުގައި މަސްގަންނަމުންދާނެކަމަށެވެ.
މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަހުން އުފައްދާ ބާވަތްތައް އިތުރުކޮށް، އަގުއެއްކޮށްގެން ވިއްކާ ބާވަތްތައް އުފެއްދުމާއި، މަހުގެ ކޮލިޓީ ހިފަހައްޓާ މަސްބޭރުކުރެވޭ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކޮށް ދުނިޔޭގެ ބާޒާރުގައިވެސް މަސްވެރިކަން ދަށްދުވަސްވަރު ދިވެހި މަހުގެ ބާވަތްތައް ބޭރަށް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްދަނީ މަސައްކަތްކުރަމުންނެވެ.
މަސް ގަންނަ އަގު ބޮޑުކޮށްފައި މިވަނީ މަސްވެރިކަން ދަށްވުމުގެ އަސަރު މަސްވެރިންގެ އާމްދަނީއަށް ވެސް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން ސަރުކާރުގެ މި މުހިއްމު ފިޔަވަޅާއެކު މަސްވެރި އާއިލާތަކަށް އުފާވެރިކަން ލިބިގެންދާނެއެވެ

