މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު، ދިވެހި ހައްޖުވެރިންގެ ތިން ވަނަ ގްރޫޕް ރޭގެ ވަގުތެއްގައި ރާއްޖެ އަތުވެއްޖެއެވެ. ސައުދީ އެއާލައިންގެ މަތިންދާ ބޯޓެއްގައި ރާއްޖެ އައި މި ގްރޫޕުގައި ޖުމްލަ 271 ހައްޖުވެރިން ހިމެނެއެވެ.
ހައްޖުވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ސައުދިއާ އެއާލައިން ގުޅިގެންނެވެ. މިގޮތުން ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު ރާއްޖެ އައިސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެ ފްލައިޓުން 240 އަށް ވުރެ ގިނަ ހައްޖާޖީން ރާއްޖެ އައިސްފައިވާއިރު، ދެވަނަ ގްރޫޕް ރާއްޖެ އައީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެ ގްރޫޕުގައި 262 ހައްޖުވެރިން ހިމެނެއެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ރާއްޖެއިން ޖުމްލަ 1,019 މީހުން ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ސައުދި އަރަބިއްޔާއަށް ދިޔައެވެ. ހުރިހާ ހައްޖުވެރިންވެސް ދަތުރުކުރީ ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ.
ހައްޖުވެރިންގެ ހަތަރުވަނަ ގްރޫޕް މިއަދު ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، ދިވެހި ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މިއާއެކު މިއަހަރު ހައްޖަށް ދިޔަ ހުރިހާ ދިވެހިން ރާއްޖެ އައިސް ނިމޭނެއެވެ.

