ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ވިލިމާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ތެޔޮ ފޯރުކޮށްދިނުމަށާއި މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަނޑު އުޅަނދުތަކަށް އާ ފިއުލް ސްޓޭޝަނެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
މި މަޝްރޫޢަކީ ވިލިމާލޭގެ ރައްޔިތުންނަށް، ޚާއްޞަކޮށް ކަނޑު އުޅަނދުފަހަރު ހިންގާ ފަރާތްތަކަށް ތެޔޮ ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެއް ކަމަށް އެފްއެސުމުން ހާމަކޮށްފައިވެއެވެ.
މި ފިއުލް ސްޓޭޝަން ހިންގަން ފެށުމުން، ތެޔޮ އެޅުމަށް މާލެ ނުވަތަ އެހެން ސަރަހައްދުތަކަށް ދަތުރުކުރަން ޖެހޭ މިންވަރު ނިމުމަކަށް އަންނާނެ ކަމަށާއި، ވަގުތާއި ފައިސާ ވެސް ވަރަށް ބޮޑަށް ސަލާމަތް ކުރެވޭނެ ކަމަށް ވެސް އެކުންފުނިން ހާމަކުރެއެވެ.
ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މި ސްޓޭޝަނުން ޕެޓްރޯލާއި ޑީސަލްގެ ހިދުމަތް ވެސް ލިބޭނެ އެވެ. މީގެ އިތުރުން ޖެޓީ ސަރަހައްދުން ކަނޑުގެ އުޅަނދުފަހަރަށް ފެނުގެ ހިދުމަތް ދިނުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. ޖެޓީ ކައިރީގައި މި ސްޓޭޝަން ގާއިމް ކުރަން ނިންމީ ކަނޑުގެ އުޅަނދުތަކަށް އެންމެ ފަސޭހަ ތެޔޮ އެޅުމުގެ އިންތިޒާމުތަކަށް އިސްކަން ދިނުމަށެވެ.
އެފްއެސްއެމްގެ އަމާޒަކީ މިހާރު ހިނގަމުންދާ މި މަޝްރޫއު ނިންމައި ކުރިއަށް އޮތް 55 ދުވަހުގެ ތެރޭގައި ހިދުމަތްތައް ފޯރުކޮށްދޭން ފެށުމެވެ. އެ ސްޓޭޝަންގެ މަސައްކަތް ނިމި، އެ ސްޓޭޝަން ހިންގަން ފެށުމުން، ވިލިމާލޭގެ އިގްތިސާދީ އަދި އިޖުތިމާއީ ހަރަކާތްތަކަށް ބޮޑު ލުޔެއް ލިބި، ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފަސޭހަކަމާއެކު ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އެސްޓީއޯއާއި އެފްއެސްއެމް ގުޅިގެން ވަނީ ހާއްސަ މަސައްކަތެއް ފަށައިފައެވެ. އެ މަސައްކަތުގެ ތެރެއިން މިހާތަނަށް ހަތް ރަށެއްގައި ފިއުލް ސްޓޭޝަންގެ ހިދުމަތް ވަނީ ފަށައިފައެވެ.
އެފްއެސްއެމުން ނިންމާފައި ވަނީ ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްޓޭޝަން ގާއިމުކުރުމަށެވެ.
މާލޭގެ ތިން ސަރަހައްދެއްގައި އެފްއެސްއެމުން ތިން ޝެޑެއް ހިންގައެވެ. އަދި ރާއްޖޭގެ ބައެއްރަށްރަށްގައި ވެސް ޕެޓްރޯލާއި ޑީސަލް ވިއްކުމަށް ފިއުލް ޝެޑްތައް ވަނީ ހުޅުވައިފައެވެ.
މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ފިއުލް ސްޓޭޝަން ހުޅުވީ މިދިޔަ މެއި މަހު ދ. މީދޫގައެވެ. އޭގެ އިތުރުން ރ. ދުވާފަރު، ހއ. އިހަވަންދޫ، ހދ.ހަނިމާދޫ، ބ. އޭދަފުއްޓާއި، ށ. މިލަންދޫ، ފ. ނިލަންދޫގައި ވަނީ މި ހިދުމަތް ފަށައިފައެވެ.

