ޕެންޝަން ބޯޑުގެ ޗެއާޕާސަން ހިމެނޭހެން ފަސް މެންބަރުންގެ ބޯޑަކުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ޖެހޭ ގޮތަށް، އެ އިދާރާއިން އައު އުސޫލެއް އެކުލަވާލައިފިއެވެ.
ހޯމަ ދުވަހު ގެޒެޓުކުރި އެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕެންޝަން އޮފީހުގެ ބޯޑަށް އައު މެންބަރުން އައްޔަންކުރާއިރު، ޕެންޝަން އޮފީހުގެ ބޯޑު މެންބަރުކަމަށް ނަން ހުށަހަޅާ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ބަލައި، އެ ފަރާތްތަކުގެ ފެންވަރު ވަޒަންކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާދިނުމަށްޓަކައި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ނޮމިނޭޝަން ކޮމިޓީއެއް އެކުލަވާލަން ޖެހެއެވެ.
މި ނޮމިނޭޝަން ކޮމިޓީ އެކުަލަވާލަނީ، ޕެންޝަން އޮފީހުގެ ޗެއާޕާސަނާއި، ސެކިއުރިޓީސް މާކެޓު ރެގިއުލޭޓަރުގެ އިސް މުވައްޒަފެއްގެ އިތުރުން، ފިނޭންސް މިނިސްޓްރީ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީން ކޮންމެ ވުޒާރާއަކުން ސިވިލް ސާވިސްގެ އިސް މުވައްޒަފަކާ އެކުއެވެ. މި މުވައްޒަފުންނަކީ ޑިރެކްޓަރު ނުވަތަ އެއަށްވުރެ މަތީ މަގާމެއްގައި ތިއްބަވާ ބޭފުޅުންނަށް ވާންޖެހޭނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ކޮމިޓީގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި ހިމެނެނީ، ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ބެލުން، ފެންވަރު ވަޒަންކުރާނެ ގޮތް ކަނޑައަޅައި، އެ ފަރާތްތަކުގެ ފެންވަރު ބެލުން، ކުރިމަތިލާ ފަރާތްތަކާ އިންޓަވިއު ކުރުން އަދި ބޯޑަށް އައްޔަންކުރަން ފެންނަ މީހުންނާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމެވެ.
މި ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިވާ ކޮންމެ މެމްބަރަކަށް އުޖޫރައެއްގެ ގޮތުގައި 1,500 ރުފިޔާ ދޭންޖެހޭނެ ކަމަށްވެސް އުސޫލުގައި ކަނޑައަޅާފައިވެއެވެ.
ޕެންޝަން ބޯޑުގެ މުހިންމު މަގާމުތަކެއް ހުސްވެފައި އޮތުމަށްފަހު، މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ޗެއާޕާސަންގެ މަގާމަށް އަބްދުލްމަޖީދު އަލީ އައްޔަންކޮށްފައިވެއެވެ.

