ދިވެހިރާއްޖެއާއި ނެދަލެންޑްސްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތައް ފުޅާކުރުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ.
ނެދަލެންޑްސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ ވީބޭ ޔަކޮބް ޑި ބޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެކަމާ ގުޅުން ހުރި މަޝްވަރާތައް ކުރިއަށް ގެންދެވިފައިވާ ކަމަށް މައުލޫމަތު ލިބިފައިވެއެވެ.
ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ދިވެހި ސަގާފީ "ހައިކޮޅު" ގައި، އެމް.އެން.ޑީ.އެފްގެ ބެރުދުންމާރި ތާޅަފިލީގެ ލަޝްކަރާއެކުގައެވެ. ރައީސް ވަނީ ސަފީރުގެ ފަތްކޮޅު ގަބޫލުފުޅު ކުރައްވައި، ނެދަލެންޑްސްގެ އާ ސަފީރުގެ ހައިސިއްޔަތުން ވީބޭ ޔަކޮބް ޑި ބޯއަށް ރަސްމީކޮށް މަރުހަބާ ވިދާޅުވެފައެވެ.
ރަސްމިއްޔާތަށްފަހު، ރައީސް އާއި ސަފީރު ވަނީ ދެ ގައުމުގެ ދެމެދުގައި ހުރި މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އުމްރާނީ ތަރައްގީއާއި، ފަތުރުވެރިކަމާއި، ކަނޑުދަތުރުފަތުރާއި، ކަނޑުތައް ހިމާޔަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، އަދި އިންސާނީ ހައްގުތަކުގެ ދާއިރާއިންނާ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ނެދަލެންޑްސްގެ އެހީތެރިކަން މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ދެ ފަރާތުންވެސް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކޮށް، އެ ގުޅުން ދެމެހެއްޓުމުގެ ޢަޒުމް ދެ ބޭފުޅުން ވެސް ވަނީ އައުކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ނެދަލެންޑްސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 3 ސެޕްޓެމްބަރު 1979 ގައެވެ.

