ރާއްޖެއިން ހިމަބިހި ނުވަތަ މީސްލްސްއަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 15 އަށް އަރައިފިއެވެ. ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދަނީ ބަލިޖެހުނު މީހުންނާ ދިމާވި މީހުން ދެނެގަނެ، ހާލަތު ވަރަށް ގާތުން މޮނީޓަރ ކުރަމުންނެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު ފުރަތަމަ ކޭސް ފެނުނު ފަހުން މިހާތަނަށް ޖުމްލަ 15 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 4 މީހުންނަކީ މިދިޔަ ހަފުތާގެ ތެރޭގައި ބަލި ޖެހުނު މީހުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިހާތަނަށް ޕޮޒިޓިވްވި ހުރިހާ އެންމެންވެސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އެޗްޕީއޭއިން ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަވައްޓެރި ޤައުމުތަކުގައި ހިމަބިހީގެ ކޭސްތައް ނުރައްކާ މިންވަރަކަށް އިތުރުވެފައިވާ ކަމަށެވެ. ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރުމާއި ދިވެހިން ބޭރަށް ދަތުރުކުރުމަކީ ބަލި އެތެރެވުމަށް އޮތް ފުރުސަތެއް ނަމަވެސް، ރާއްޖޭގައި ކުރިއަށްގެންގޮސްފައިވާ ވެކްސިން ކެމްޕޭންތަކުގެ ސަބަބުން ބަލީގެ ނުރައްކާވާ މިންވަރު ކުޑަކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ.
ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކޮންޓެކްޓް ޓްރޭސިންގްއަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. “އެޗްޕީއޭއިން ގުޅުމުން އެމީހަކާއި ބައްދަލުވި މީހުންނާއި ދަތުރުކުރި ގޮތުގެ ތަފްސީލް ހިއްސާކޮށްދިނުމަށް އެދެން” ކަމަށް އެ އެޖެންސީން ވިދާޅުވިއެވެ. މިހާރު ވެކްސިން ދެމުންދަނީ ޕޮޒިޓިވްވާ ފަރާތްތަކުގެ ކޮންޓެކްޓުންނަށް ކަމަށްވާއިރު، ވެކްސިން ނުޖަހާ މީހުންނަށް އަމާޒުކޮށްގެން އާ ވެކްސިން ކެމްޕޭނެއް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.
ހިމަބިހީގެ ޢަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގައި ކުދި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ހިމެނެއެވެ. މިފަދަ ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ހުމާއި ރޯގާގެ ޢަލާމާތް ހުރިނަމަ މާސްކު އެޅުމަށާއި، ގިނަގިނައިން އަތްދޮވުމުގެ އިތުރުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.
ޚާއްޞަކޮށް ދިފާޢީ ނިޒާމު ބަލިކަށި މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑުކަމުން، ހިމަބިހީގެ ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައި ހުރިކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކުރެއެވެ.

