ޖޫން 26 ނުވަތަ މިމަހުގެ 26 އަކީ ތިނަދޫ ސިޓީ އަށް ބޮޑު ދުވަހެކެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް އަދި މަސްތުން ސާފު މުޖުތަމަޢު އެއް ޤާއިމު ކުރުމަށް މަސައްކަތްކުރާ އެންޖީއޯއެއް ކަމަށްވާ “ގިރިންދާ” ގެ އިސްނެގުމަށް މުޅި ތިނަދޫ އެއް ތަންވެ ބާއްވާ ބޮޑު ދުވުން އޮންނަ ދުވަހެވެ.
ބައިނަލްއަޤުވާމީ ގޮތުން ފާހަ ނގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ތިނަދޫ ސިޓީގައި އާއިލީ ދުވުމެއް ބޭއްވުމަށް ނިންމާފައި ވާއިރު އޭގެ ތެރޭގައި އޮތް އެންމެ ބޮޑު ހަރަކާތަކީވެސް ދުވުމެވެ.
މި ދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައެވެ. އެގޮތުން ދުވުމުގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ ފީއަކީ ބޮޑު މީހަކަށް 165 ރުފިޔާ އަދި ކުޑަކުއްޖަކަށް 135 ރުފިޔާއެވެ. ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު މާދަމާރޭ 12 އާއި ހަމަޔަށް ވަނީ ހުޅުވާލާފައެވެ. “ގިރިންދާ” ޖަމްއިއްޔާގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކު މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކުރެވޭ އިރު މިހާތަނަށް ވަރަށް ގިނަ ބަޔަކު ރަޖިސްޓްރީ ކޮއްފައި އަދި މައުލޫމާތު ސާފުކުރުމުންދާ ކަމަށް އެ ޖަމިއްޔާއިން ހުވަދޫ މީޑިއާއަށް މައުލޫމާތު ހިއްސާ ކޮށްފައިވެއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ތިނަދޫ ސިޓީގައި މި ހަރަކާތެއް ކުރިއައް ގެންދިޔުމުގެ މައިގަނޑު މަގުސަދަކީ މަސްތުވާތަކެއްޗާ ދެކޮޅަށް އާންމުން ހޭލުންތެރިކުރުވުމާއި، މި ނުރައްކާތެރި ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމެވެ.
މަޢުލޫމަތު ލިބިފައިވާ ގޮތުގައި ތިނަދޫ ސިޓީގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި، ސްކޫލް ކުދިންގެ އިތުރުން އާންމު ރައްޔިތުންނާއި ޖަމްޢިއްޔާ ޖަމާއަތްތަކުން މި ބޮޑު ހަރަކާތުގައި ބައިވެރިވާނެއެވެ.
ގިރިންދާ އިން މީޑިއާތަކާ ހިއްސާ ކޮއްފައިވާ މައުލޫމާތުގައި ބުނެފައި ވަނީ ޖޫން 26 ވަނަ ދުވުމަކީ ހަމައެކަނި ކުޅިވަރު ހަރަކާތްތައް ބާވާ ދުވަހެއް ނޫން ކަމަށާއި، އެއީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެގެން ކުރިއަށްގެންދާ މުހިންމު ޤައުމީ މަސައްކަތެއް ކަމަށެވެ. އަދި
މިފަދަ ހަރަކާތްތަކުގެ ސަބަބުން މަސްތުވާތަކެތީގެ ނުރައްކަލާ މެދު މުޖުތަމައު އިތުރަށް ހޭލުންތެރިވެ،މުޅި ހުވަދޫ އަތޮޅަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ އަމާން ތަނަކަށް ހެދުމަށް ކުރާ މަސައްކަތަށް އިތުރު ބާރަކާއި ހިތްވަރެއް ލިބިގެންދާނެ ހަރަކާތެއް ކަމަށްވެސް އެ ޖަމްއިއްޔާއިން ބުނެއެވެ.
ޖޫން 26 ގައި ބާއްވާ ބޮޑު ޙަރަކާތުގައި ގިރިންދާ އާއި އެކު އެކު ރައުހަތު ސްޕޯޓްސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ނޯވާ ޓެކް މުހިންމު ދައުރެއް އަދާކުރެއެވެ.

