މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކުރަނީ ބިރުދައްކަން ކަމަށް މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް އެޗްޑީސީއަށް ހަދައިދީފައިވާ ރަޖިސްޓްރީ ބާޠިލްކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން މިއަދު މެންދުރު 2 ޖަހާއިރު މުއިއްޒު އޭސީސީއަށް ހާޒިރުވާން ވަނީ އަންގާފައެވެ.
މުއިއްޒު ވިދާޅުވީ އޭސީސީ އަށް ހާޒިރުވާން އެންގީ ބިރު ދެއްކުމުގެ ގޮތުން ކަމަށާއި އެކަމާ އެއްވެސް ގޮތަކަށް ޖެހިލުންވެވަޑައިނުގަންނަވާ ކަމަށެވެ.
މިމައްސަލައިގައި އެޗްޑީސީ އާއި މާލެ ސިޓީ ކައުންސިލްގެ ކޯޅުން ހޫނުވަމުންދާއިރު އެޗްޑީސީން ވިދާޅުވަނީ އެއީ ޤާނޫނާ ޚިލާފަށް ސިޓީ ކައުންސިލުން ނިންމި ނިންމުމެއް ކަމަށެވެ. އަދި އޭގެ ބަދަލު ހޯދުމަށް ކޯޓަށް ދާނެކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން ހުޅުމާލޭގެ ބިމަކީ އެޗްޑީސީން ޚަރުކޮށްގެން ހިއްކާފައިވާ ބިމެއް ކަމަށާއި އެ ކުންފުންޏަކީ ޤާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްގު ލިބިފައިވާ ވަކި ޝަޚުސަކަށްވީ ހިނދު، އެ ކުންފުންޏަށް ލިބިފައިވާ ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާޠިލްކުރަން ސިޓީ ކައުންސިލުން ނިންމީ ގާނޫނު އަސާސީއާވެސް ޚިލާފަށް ކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ވެސް އޭސީސީން ވަނީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހެދި ބްރިޖް ވިއު ޕްލެޓްފޯމްގެ އެގްރީމެންޓާއި ގުޅޭ ބައެއް ތުހުމަތުތަކާއި ގުޅިގެން އެ ކޮމިޝަނަށް މުއިއްޒު ހާޒިރުކޮށްފައެވެ.

