ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަޙީދު ރައީސުލްޖުމްހޫރިއްޔާއަށް ގުޅުވައި މީސްމީޑިއާގައި ދައްކާފައިވާ ވާހަކަތައް ސަރުކާރުން ކަނޑައެޅިގެން ދޮގުކުރައްވައިފިއެވެ. މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، ޝަމްއާން ރައީސަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި ދައްކާފައިވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
އިމިގްރޭޝަން ކޮންޓްރޯލަރުގެ މަޤާމުގައި ހުންނެވި ޝަމްއާން މިއަދު މީޑިއާގައި ވާހަކަ ދައްކަވަމުން ވަނީ، ދާޚީލީ ވަޒީރު ޢަލީ އިޙްސާން ކޯޓުތަކުން ފައިސާ ނަންގަވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި މި މައުލޫމާތު މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރެއްވި ކަމަށާއި، ނަމަވެސް އެސްޓޯނިޔާގައި ހުންނަވައި ރައީސް ދެއްވި ޖަވާބުގައި ޝަމްއާން މަސައްކަތް ކުރައްވަނީ ވަޒީރާ ދެކޮޅަށް ކަމަށް ތުހުމަތު ކުރެއްވި ކަމަށް ޝަމްއާން ބުނެފައިވެއެވެ.
ޝަމްއާން މިފަދަ ތުހުމަތުތަކެއް ކުރައްވާފައި މިވަނީ، ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ޖިނާއީ ތިން ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާގެ އިތުރުން މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއެވެ.
ކޮންޓްރޯލަރު ޖެނެރަލްގެ މަޤާމުން ވަކިކޮށް ޝަމްޢާން މީގެކުރިން ހައްޔަރުކޮށްފައިވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެންނެވެ.

