ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ރާއްޖެ އަންނަ ޙައްޖާޖީންގެ އެންމެ ފަހު ފްލައިޓު ސައުދީ އަރަބިއްޔާއިން ފުރައިފިއެވެ. ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ މި ފްލައިޓު މަދީނާއިން ފުރާފައިވަނީ ސައުދީ ގަޑިން މިއަދު ފަތިހު 03:23 ގައެވެ.
މި ފްލައިޓުގައި ޖުމްލަ 262 ޙައްޖާޖީން ރާއްޖެ އައުމަށް ދަތުރުކުރަމުންދާއިރު، ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެ ކަމަށް ލަފާކުރެވެނީ މިރޭ ދަންވަރު 12:00 އެހާކަށްހާއިރުއެވެ. މިއީ މިއަހަރު ޤައުމީ އެއަރލައިންގެ ބޯޓެއްގައި ޙައްޖާޖީން އަންނަ ދެވަނަ ފްލައިޓެވެ.
މިއަދު އަންނަ މި ފްލައިޓަކީ މިއަހަރުގެ ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ހަތަރު ފްލައިޓުގެ ތެރެއިން އެންމެ ފަހު ފްލައިޓެވެ. މި ފްލައިޓުން ދަތުރުކުރާ ޙާޖީން ރާއްޖެ އައުމާއެކު، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ޙައްޖަށް ދިޔަ ހުރިހާ ދިވެހި ޙައްޖާޖީން ރާއްޖެ އައިސް ނިމޭނެއެވެ.
ޙައްޖާޖީންގެ ކޮންމެ ގްރޫޕެއްވެސް ސައުދީ އަރަބިއްޔާގައި ޖުމްލަ ތިން ހަފުތާ ހޭދަކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި މައްކާގައި ޙައްޖުގެ މަނާސިކުތައް ފުރިހަމަކުރުމުގެ އިތުރުން، އެނބުރި ރާއްޖެ އައުމުގެ ކުރިން މަދީނާގައި ދެ ދުވަހުގެ މުއްދަތެއް ޙާޖީން ހޭދަކޮށްފައިވާކަން ފާހަގަކުރެވެއެވެ.

