ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ތިން ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މިއަދު ހަވީރު 4:30 ގައި ބޭއްވި އަދަބު ކަނޑައެޅުމުގެ މަޖިލީހުގައި ގާޒީ ވަނީ ޝަމްއާންގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކެއް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ނިންމަވާފައެވެ.
ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި، މަނީ ލޯންޑްރިންގެ ދައުވާގެ އިތުރުން ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މި ތިން ދައުވާއަށް ވަކިވަކިން އަދަބު ކަނޑައަޅާފައިވާއިރު، އެންމެ ބޮޑު އަދަބެއް އިއްވީ މަނީ ލޯންޑްރިންގެ މައްސަލައިގައެވެ. އެ ކުށަށް 15 އަހަރުގެ ޖަލު ހުކުމަކާއެކު 500,000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ފޭރުމުގައި ބައިވެރިވުމުގެ ކުށަށް އަށް އަހަރުގެ ޖަލު ހުކުމެއް އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށަށް ދެ އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މި ހުރިހާ ހުކުމްތަކެއް އެކުވުމުން ޝަމްއާން ތަންފީޒު ކުރަންޖެހޭ ޖުމްލަ އަދަބަކީ 25 އަހަރުގެ ޖަލު ހުކުމެވެ. އަދި ތަހުގީގަށް ސާބިތުވެފައިވާ ގޮތުގައި ބިދޭސީއެއްގެ އަތުން ފޭރުނު 500,000 ރުފިޔާ އަނބުރާ ދެއްކުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ހުކުމް އިއްވަވަމުން ގާޒީ ވިދާޅުވީ ޝަމްއާންގެ މައްޗަށް ގާނޫނުގައިވާ އެންމެ ބޮޑު އަދަބު ކަނޑައެޅީ، އޭނާގެ އަމަލުތަކުގެ ސަބަބުން މުޅި އިމިގްރޭޝަން މުއައްސަސާގެ އަގު ވެއްޓިފައިވާތީ ކަމަށެވެ. ޝަމްއާން މަގާމުން ވަކިކޮށްފައިވަނީވެސް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ހޯދާ ކަމުގެ ތުހުމަތުގައެވެ.
ފުލުހުން ހިންގި ތަހުގީގުގެ ތެރެއިން ޝަމްއާން ދިރިއުޅޭ ގެއިން 257,475 ރުފިޔާ އާއި 10,000 އެމެރިކާ ޑޮލަރުގެ އިތުރުން އެކި ގައުމުތަކުގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނު ފެނިފައިވެއެވެ. ޝަމްއާން ކޮންޓްރޯލަރަކަށް ހުރި ދުވަސްވަރު އިމިގްރޭޝަންގެ އުސޫލުތަކާ ހިލާފަށް އޮޕަރޭޝަންތައް ހިންގައި، ބިދޭސީންގެ އަތުން ނަހަމަ ގޮތުގައި ފައިސާ ހޯދާފައިވާކަން ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ.

