ދިވެހިރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ބިން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރައްވާފައިވާ މުހިންމު މަޝްރޫޢެކެވެ.
ބިން ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު އެވެ. މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މިސްކިތަކީ އެއްފަހަރާ 10,000 މީހުންނަށް ނަމާދުކުރެވޭނެ ފަދަ ޖާގަ ތަނަވަސް ބިނާއެކެވެ. މި މަޝްރޫޢަށް ފަންޑުކުރުމަށް ސައުދީ އަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މި ބޮޑު ބިނާގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމެވެ. މިސްކިތުގެ އިތުރުން މި ކޮމްޕްލެކްސްގައި ޤުރުއާން މިއުޒިއަމެއްގެ އިތުރުން ދީނީ ގޮތުން މުހިންމު އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރެވޭނެއެވެ.

