ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ގައުމީ މަސްލަހަތު އިސްކުރުމުގައި ނަމޫނާ ދައްކަވާފައިވާ ލީޑަރެއް ކަމަށް ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލެސީ އޮން މެނިފެސްޓޯ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ގައުމުގެ މައި ދޮރާށި ޖީއެމްއާރަށް ވިއްކާލި ހާދިސާ ފަދަ ކަންކަމަކީ ރައްޔިތުން އަބަދުވެސް ހަނދާން ބަހައްޓަންޖެހޭނެ ކަންކަން ކަމަށެވެ. އަދި ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި ލީޑަރުންގެ މާޒީއަށް ރައްޔިތުން ރިޔާއަތް ކުރަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޕީއެންސީގެ ސިޔާސަތުތަކަށް އަލިއަޅުވާލައްވަމުން ނާޒިމް ވިދާޅުވީ، އެ ޕާޓީއަކީ އަބަދުވެސް ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ވަކާލާތުކުރާ ބައެއް ކަމަށެވެ. “އަޅުގަނޑުމެންނަކީ މި ގައުމުގެ ކަނޑުން ބައެއް ވިއްކާލުމާ ދެކޮޅަށް ޖިހާދުކުރި ވެސް މީހުން. އެކަން ކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބުނީ ކާމިޔާބީގައިވެސް އަޅުގަނޑުމެން ގައުމު އިސްކުރީތީ ނާކާމިޔާބީގައި ވެސް އަޅުގަނޑުމެން ގައުމު އިސްކުރީތީ،” ނާޒިމް ވިދާޅުވިއެވެ.
މި ސަރުކާރުން ހަވާލުވިއިރު ދައުލަތުގެ ހާލަތު އޮތް ގޮތް ސިފަކޮށްދެއްވަމުން އޭނާ ވިދާޅުވީ، ވެންޓިލޭޓަރުގެ ވައްކަމާއި، މަސްވެރިންނަށް ނުދީ ހުރި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން، ދައުލަތުގެ ބޮޑު ދަރަންޏަކީ ސަރުކާރަށް ކުރިމަތިވި ބޮޑެތި ގޮންޖެހުންތައް ކަމަށެވެ. ނަމަވެސް، ރައީސް މުއިއްޒަކީ ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު ދަރަންޏެއް އަދާކުރެއްވި ވެރިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ޓީމުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަނީ ގައުމު އިސްކޮށްގެން ކަމަށާއި، ރައީސް މުއިއްޒަކީ އެކަމުގައި ސިޔާސީ ލީޑަރުންނަށް ހުރި ނަމޫނާއެއް ކަމަށެވެ. އަދި އަސާސީ ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ކުރިއަށް ގެންދަނީ ވަކި ތަރުތީބެއްގެ މަތިން، ހަރުދަނާ ޓައިމްލައިނަކާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ.

