މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއެއްގެ އަތުން ފައިސާ ފޭރުނު މައްސަލައިގައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު، ހޯމް މިނިސްޓަރު އަލީ އިހުސާނަށް ކުރެއްވި ތުހުމަތުތައް މިނިސްޓަރު ކަނޑައެޅިގެން ދޮގުކުރައްވައިފިއެވެ. މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލީ މައުލޫމާތު އާންމުންނަށް ހާމަކުރުމަށް މިނިސްޓަރު މިހާރު ވަނީ ފުލުހުންގެ މުއައްސަސާއަށް އަންގަވާފައެވެ.
ޝަމްއާންގެ މައްޗަށް އިއްޔެ ކޯޓުން ވަނީ ތިން ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅާފައެވެ. އެއީ މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރު، ފޭރުމުގައި ބައިވެރިވުމުގެ ކުށުގައި 8 އަހަރު، އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގައި 2 އަހަރެވެ. ޝަރީއަތުގެ މަޖިލީހަށް ވަނުމުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޝަމްއާން ބުނެފައިވަނީ މިއީ މިނިސްޓަރު އިހުސާން އިސްވެ ހުންނަވައިގެން އޭނާ “ފްރޭމް” ކުރުމަށް ހިންގި އަމަލެއް ކަމަށެވެ.
މި ތުހުމަތުތަކާ ގުޅިގެން މިނިސްޓަރު އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަމްއާން ދައްކަވަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. ޝަމްއާން ފްރޭމްކޮށްފައިވާ ކަމަށް ބުނާ ބުނުމަކީ ހަގީގަތެއް ނޫންކަން ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފުވާ ކަމަށާއި، މިހާތަނަށް އޭނާގެ ދިފާއުގައި އެއްވެސް ހެއްކެއް ދެއްކިފައި ނުވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
“މިމައްސަލާގައި ކަންހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އަޅުގަނޑުވާނީ ފުލުހުންގެ މުއައްސަސާގައި އެދިފައި،” މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ޝަމްއާންގެ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން މީގެ ކުރިންވެސް މީޑިއާގައި ހާމަކުރައްވާފައިވާނެ ކަމަށެވެ.
ޝަމްއާންގެ މައްޗަށް ދައުވާ އުފުލީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބިދޭސީއަކު ދޫކޮށްލުމަށްފަހު، އެ މީހާގެ އަތުން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިގަނެ، އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ މައްސަލައިގައެވެ. ކޯޓުން ވަނީ ފޭރިގަތް ފަސް ލައްކަ ރުފިޔާ ތިން މަސް ދުވަހުގެ ތެރޭގައި އެ ބިދޭސީ މީހާއަށް ރައްދުކުރުމަށާއި، ފަސް ލައްކަ ރުފިޔާއިން ޝަމްއާން ޖޫރިމަނާ ކުރުމަށްވެސް ހުކުމްކޮށްފައެވެ.
ޖުމްލަ 25 އަހަރުގެ ހުކުމެއް އައި ނަމަވެސް، ޝަމްއާން މީގެ ކުރިން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ 24 އަހަރާއި ދެ މަހާއި 20 ދުވަހުގެ ޖަލު ހުކުމެކެވެ. މި ހުކުމަކީ ދައުލަތުން އެދުނު ގޮތަށް އަދަބު ބޮޑުކޮށް އިއްވާފައިވާ ހުކުމެކެވެ.

