މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލުތަކެއް ހިމެނޭ އައު ގަވާއިދެއް އެކުލަވާލައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފިއެވެ. "މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމާއި، ކުޑަކަމުދާ އެއްޗެހި ދިނުމަށް އެންގުމާއި، އެ އެއްޗެހި ތަޙުލީލުކުރުމަށް ފޮނުވުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވައިދު" ގެ ނަމުގައި އަމަލުކުރަން ފެށި މި ގަވާއިދަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ބާރުލިބިގެން ތައްޔާރުކޮށްފައިވާ ގަވާއިދެކެވެ.
މި ގަވާއިދުގެ ދަށުން މަސްތުވާތަކެތީގެ ތަހުގީގުތަކުގައި ހިންގާ "ކޮންޓްރޯލްޑް ޑެލިވަރީ" އޮޕަރޭޝަންތަކަށް ހުއްދަ ހޯދުމާއި، އެފަދަ އޮޕަރޭޝަންތައް ކުރިއަށްގެންދާނެ ގޮތުގެ ސާފު އިޖުރާއަތްތަކެއް ވަނީ ކަނޑައަޅާފައެވެ. ފުލުހުންގެ ހިދުމަތުން ހާމަކުރި ގޮތުގައި، މި ބަދަލާއެކު ތަހުގީގުތައް ޖަވާބުދާރީވަނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެ، އޮޕަރޭޝަންތައް ރިޕޯޓްކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
އައު ގަވާއިދުގައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރިކަމަށް ބެލެވޭނެ ވަގުތު 12 ގަޑިއިރަށް ކުޑަވެގެން ދިއުމެވެ. މީގެ އިތުރުން ސާމްޕަލް ނެގުމާއި، އެ ތަކެތި ރައްކާތެރިކަމާއެކު ލެބޯޓްރީއަށް ފޮނުވުމުގެ އުސޫލުތަކުގެ އިތުރުން، ފުލުހުންގެ ފޮރެންސިކް ލެބޯޓްރީ ނޫން އެހެން ތަނަކުން ތަހުލީލުކުރުމަށް އެދުމުގެ ފުރުސަތުވެސް ތުހުމަތުކުރެވޭ ފަރާތަށް ލިބިދީފައިވެއެވެ.
ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނީ ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އެކަމަށް ކަނޑައަޅާފައިވާ އިސް އޮފިސަރެއްގެ ހާއްސަ ހުއްދައަކާއެކުގައެވެ. މިފަދަ ހުއްދައެއް ދިނުމުގައި މައްސަލައިގެ ބާވަތަށާއި، ސަލާމަތީ ކަންކަމުގެ އިތުރުން ތަހުގީގަށް ލިބޭނެ ކުރިއެރުމަށް ރިއާޔަތްކުރަންޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ބަދަލުގައި "ސަބްސްޓިއުޓް" ބޭނުންކުރުމުގެ އިހުތިޔާރުވެސް ފުލުހުންނަށް ލިބިގެންވެއެވެ.
މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، މަސްތުވާތަކެތީގެ ވިޔަފާރިއާއި ބޭނުންކުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ގާނޫނީ އިތުރު ބާރުވެރިކަމެއް ލިބިގެންދާނެއެވެ. މިއީ މުޖުތަމައު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

