ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.
ކަސްޓަމްސްއިން ވިދާޅުވީ، މިތަކެތި އަތުލައިގަތީ އިއްޔެގެ ވަގުތެއްގައި ރާއްޖެ އައި ފަސިންޖަރަކާ މެދު ޝައްކުކުރެވިގެން އޭނާގެ މުދާ ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިގެން އިތުރަށް ތަހުލީލު ކުރިއިރު، އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ކަން ވަނީ ކަށަވަރުވެފައެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 8490 ގްރާމް ނުވަތަ 8.4 ކިލޯ ހުއްޓެވެ. މިއީ ފަހަކަށް އައިސް ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ ބޮޑު ޝިޕްމަންޓެއްގެ ގޮތުގައި ކަސްޓަމްސްއިން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލާގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 6 މިލިއަން ދިވެހި ރުފިޔާ އަށްވުރެ އިތުރުވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ. މިއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ބެލެވެއެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށާއި، ޖިނާއީ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އަތުލައިގަތް ތަކެއްޗާއި، އެތަކެތި އެތެރެކުރި މީހާ މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

