މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހެއްގެ ފުރަގަސްފަރާތުގައި ފޮރުވާފައި ހުރި ސައިކަލު ތަޅުދަނޑިތަކެއް ފެނިފައިވާ ކަމަށް ކޯޓު އަމުރަކުން ހާމަވެއްޖެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ، ސެލްޓަން، މުހައްމަދު ރަޝީދު (49އ) އެވެ.
ފުލުހުންގެ ރިޕޯޓްތަކާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވަނީ، މުހައްމަދު ރަޝީދު ހައްޔަރުކުރީ ސައިކަލެއްގެ މަޑި ހުޅުވައިގެން ހުއްޓާ ކަމަށެވެ. ފުލުހުން ފެނުމާއެކު އޭނާ ހާސްވެ، މަޑި ލައްޕާލުމަށްފަހު ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބަޔާނުގައިވެއެވެ. އެ ސައިކަލާއި އޭގެ ކައިރީގައި ހުރި އެހެން ސައިކަލެއް ބަލައި ފާސްކުރިއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި އެންމެ ހައިރާންކުރުވަނިވި ކަމަކީ، އޭނާ މާލޭ ކަސްޓަޑީއަށް ގެންގޮސް ބަލައި ފާސްކުރިއިރު، އޭނާގެ ފުރަގަސްފަރާތުގައި އެއްޗެއް ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވިގެން ސުވާލު ކުރުމުން، އަމިއްލައަށް ދެ ތަޅުދަނޑި ނަގައި ފުލުހުންނާ ހަވާލުކުރުމެވެ. ތަހުގީގުން އެނގުނު ގޮތުގައި އެ ދެ ތަޅުދަނޑިން ވެސް މަސްތުވާތަކެތި ފެނުނު ސައިކަލުތައް ހުޅުވެއެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، އޭނާ ދިރިއުޅޭ ގޭގެ ސީސީޓީވީ ފޫޓޭޖްތައް ނައްތާލުމަށް ވެސް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން އޭނާގެ ދޮންދަރިއަކު ދަބަހަކަށް ހާޑް ޑިސްކާއި ޕެންޑްރައިވްތަކެއް އަޅައިގެން ގެއިން ނުކުންނަނިކޮށް ފުލުހުން ވަނީ ހުއްޓުވާފައެވެ. އަދި އޭނާ ދިރިއުޅޭ ތަނުން މަސްތުވާތަކެތި ހޭކިފައި ހުރި ތަކެތި ވެސް ފެނިފައިވެއެވެ.
މި މައްސަލައިގައި ފެނުނު ތަކެތީގެ ތަހުލީލުތަކުން ދައްކާ ގޮތުގައި، 161.52 ގްރާމް ކެނަބިސް އާއި 48.8 ގްރާމްގެ ޖަދުވަލު 1 ގައިވާ މަސްތުވާތަކެތީގެ އިތުރުން 17 ގްރާމް ޑައިމޯފިން ފެނިފައިވެއެވެ. މީގެ އިތުރުން މުހައްމަދު ރަޝީދުގެ ކުޑަކަމުދާ ތަކެތި ވެސް ވަނީ މަސްތުވާތަކެއްޗަށް ފައްސިވެފައެވެ.
ކްރިމިނަލް ކޯޓުން މިހާރު ވަނީ މުހައްމަދު ރަޝީދުގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. ކޯޓުން ބުނީ އޭނާއާ ދެކޮޅަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.

