މި މަހުގެ 30 ވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވާ ޑައިރެކްޓަރު އަމްޖަދު އިބްރާހީމްގެ 50 ވަނަ ފިލްމް "ގިލަން" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
މި ފިލްމަކީ އަމްޖޭގެ 50 ވަނަ ޑައިރެކްޝަންގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން މަސައްކަތް ފެށި ނަމަވެސް ނުގެނެސްދެވި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައި އޮތް ފިލްމެކެވެ.
"ގިލަން" ހަދާފައި ވަނީ ވާހަކަ ލިޔުންތެރިޔާ މުހައްމަދު ގާސިމް ހަމަ އެ ނަމުގައި ގެނެސްދިން މަގުބޫލު ވާހަކައަކަށް ބިނާކޮށެވެ. މިއީ އާއިލީ ސިއްރު ލޯބީގެ ގުޅުންތަކެއްގެ ތެރެއިން ރޫހާނީ ހާދިސާތަކެއް ވެސް ކިޔައިދޭ އެއްޗެޖެވެ.
"ގިލަން" ލީޑް ކާސްޓްގައި ހިމެނެނީ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ފާތުމަތު އާޒިފާ (އަޒޫ) އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަޒޫގެ ފިރިމީހާ އަހުމަދު ސައީދާއިި އައިމިނަތު ނޫރާ އާއި ދަރާ މުހައްމަދު ރަޝީދުގެ އިތުރުން މަރިޔަމް ޝަކީލާ ވެސް ހިމެނެއެވެ.
‘ގިލަން، ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 30 ގަ އެވެ. މި ފިލްމްގެ ޓިކެޓް 14 ޖޫން އިންފެށިގެން ވިއްކުމަށް ވަނީ ތައްޔާރުވެފައެވެ. މި ފިލްމަކީ އޮލިމްޕަހުގައި މި އަހަރު އަޅުވާ 5 ވަނަ ފިލްމެވެ.
އަމްޖޭ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2024 ގެ ‘އުދަބާނި 2’ އެވެ.

