އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. ފޮނަދޫ، ޝަކީބް ޔޫސުފް (49އ) އެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
މި މައްސަލައަކީ މި ހިނގާ މަހުގެ 1 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ. މައްސަލައިގެ ސީރިއަސްކަމަށް ބަލައި، ހައްޔަރުކުރި ދުވަހުން ފެށިގެން ޝަކީބް ވަނީ މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ހިދުމަތުން ސަސްޕެންޑްކޮށްފައެވެ.
ޝަކީބްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ހާމަކުރެއެވެ.

