ރަސްމީ ޑިއުޓީގައި ކަނޑުމަތީގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހެއްގެ ހަށިގަނޑު މޫދު އަޑިން ފެނި، އޭނާ ނިޔާވެފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކޮށްދީފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ސީނިއާ ސާޖަންޓް އަޙްމަދު އާސިފް އެވެ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ސީނިއާ ސާޖަންޓް އަޙްމަދު އާސިފް އަކީ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި “ޕޮލިސް ލޯންޗް 57” ގައި ހަރަކާތްތެރިވަމުން ދިޔަ އޮފިސަރެކެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، އާސިފް ގެއްލިފައިވާކަން ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށިއެވެ. އޭނާ ފެނިފައިވަނީ މޫދު އަޑިން ކަމަށާއި، ފެނުމާއެކު އއ. މަތިވެރި ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް، ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން ވަނީ މައުލޫމާތު ދީފައެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އޭނާއާއެކު މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

