މާލޭގެ ޕޯސްޓް އޮފީހާއި ބާސެލޯސް ރެސްޓޯރަންޓާ ދެމެދުގައިވާ ޖެޓީ ސަރަހައްދަށް ފެރީ ކައިރިކުރުމަށާއި، ފަސިންޖަރުން އަރުވާ ބޭލުމުގެ ވަގުތީ ހުއްދަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ދީފިއެވެ.
އެމްޓީސީސީން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މި ބަދަލާއެކު ފެރީ އޮޕަރޭޓްކުރުމަށް ކަނޑައެޅިފައިވާ ވަގުތީ ސަރަހައްދު އެނގޭނެ ޗާޓެއް އާންމުކޮށްފައިވާނެ ކަމަށެވެ. މި ސަރަހައްދަށް ފެރީތައް ކައިރިކުރުމުގެ ހުއްދަ ދިން ނަމަވެސް، އެ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާތީ، އެ މަގު އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
އެހެންކަމުން، އެ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ ދުއްވާ އުޅަނދަކަށް ހަރަކާތްތެރި ނުވެވޭނެކަން އެމްޓީސީސީން ވަނީ ހަނދާންކޮށްދީފައެވެ. އަދި ފެރީގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކުންނާއި އުޅަނދުތައް ދުއްވާ ފަރާތްތަކުން އެ ސަރަހައްދު ބޭނުންކުރުމުގައި އެމްޓީސީސީގެ މުވައްޒަފުންދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ބަދަލާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެ ކުންފުނިން އެދެއެވެ.

