ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ މަލްޓި ޕާޕަސް ބިލްޑިންގުގެ ބިންގާ ރަސްމީކޮށް އަޅައިފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ބިލްޑިންގުގެ ބިންގާ އަޅުއްވައިދެއްވީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުގީ އާއި ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.
އެމްއެންޔޫއިން ހާމަކުރި ގޮތުގައި މި އިމާރާތަކީ އިންސާނީ ވަސީލަތްތައް ބިނާކުރުމަށާއި، ޢިލްމު ފެތުރުމުގެ އިތުރުން ޤައުމީ ތަރައްޤީއަށްޓަކައި ކުރެވޭ އަގުހުރި އިންވެސްޓްމަންޓެކެވެ. މި އިމާރާތް ފަރުމާކޮށްފައިވަނީ ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. އޭގެ ތެރޭގައި ކެންޓީނާއި، ރެސްޓޯރެންޓާއި، މަލްޓިޕާޕަސް ހޯލާއި، ކްލާސްރޫމްތަކުގެ އިތުރުން ޢަމަލީ ތަމްރީނުތަކަށް ބޭނުންވާ މަރުކަޒުތަކާއި ޒަމާނީ ލެބޯޓްރީތައް ހިމެނެއެވެ.
މި އިމާރާތުގެ ސަބަބުން މިހާރު ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ފެކަލްޓީތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި ހުޅުމާލޭގައި މެޑިކަލް ސްކޫލާއި ޓީޗިންގ ހޮސްޕިޓަލްގެ މަސައްކަތް ނިމެންދެން، ސްކޫލް އޮފް މެޑިސިންގެ ކިޔެވުން މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް މި އިމާރާތުގެ ސަބަބުން ބޮޑު ފަސޭހައަކަށް ވެގެންދާނެ ކަމަށް އެމްއެންޔޫއިން ފާހަގަކުރެއެވެ. މި މަޝްރޫޢަކީ ބޮޑު މަޝްރޫޢަކަށް ވާތީ، މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ އެކި މަރުޙަލާތަކަކަށް ބަހާލައިގެންނެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މިއީ ޔުނިވަރސިޓީގެ ތާރީޚުގައި ވަރަށް މުހިންމު ދުވަހެއް ކަމަށެވެ. މި ރަސްމިއްޔާތާ ދިމާކޮށް ޔުނިވަރސިޓީ ކައުންސިލްގެ 400 ވަނަ ބައްދަލުވުން ފާހަގަކުރުމާއި، ޔުނިވަރސިޓީގެ ތާރީޚު ތަދުވީނުކުރުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ.

