މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، އެ ސަރަޙައްދުގައި އަލަށް ގާއިމުކުރާ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތްތައް އެއްކޮށް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން މިހާރު މަސައްކަތް ކުރިއަށްދަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަޙައްދުގައެވެ. އެމްޓީސީސީން ބުނިގޮތުގައި ސެގްމެންޓް 2، 3 އަދި 4 ގައި އައު ނަރުދަމާ އާއި ފެން ހޮޅިތައް ގުޅާލުމުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ.
މީގެ އިތުރުން، އެއްގަމު ތޮށީގެ 463 މީޓަރުގެ ކެޕިން މަސައްކަތާއި، 150 މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓް އެޅުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ. މި މަޝްރޫޢުގެ ދަށުން މަގުގެ ފަރުމާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ އެންމެ މުހިންމު އެއް ބަދަލަކީ މަގު އިތުރަށް ފުޅާކުރުމެވެ. އެގޮތުން އައު ފަރުމާގެ ދަށުން މަގު ބޭރަށް 6 މީޓަރު އިތުރުކޮށް، ތާރު އަޅައިގެން މަގު ތަރައްޤީކުރާނެއެވެ. އެންމެ ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެނީ ތިންވަނަ ސެގްމަންޓަށެވެ. އެ ސަރަޙައްދުން ބައެއް ހިއްކައިގެން 500 ސައިކަލުގެ ޖާގައިގެ ބޮޑު ޕާކިންގ ޒޯނެއް ހެދުމަށް ވަނީ ނިންމާފައެވެ.
މި ޕާކިންގ ޒޯން ހެދުމަށްޓަކައި ބަނދަރު ތެރެއިން 98 މީޓަރު ދިގު އަދި 28 މީޓަރު ފުޅާ ސަރަޙައްދެއް މިހާރު ވަނީ ހިއްކާ ނިންމާފައެވެ. މީގެ ސަބަބުން އެ ސަރަޙައްދުގައި ދިމާވެފައިވާ ޕާކިންގް މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
އެމްޓީސީސީގެ އަމާޒަކީ އަންނަ މަހުގެ ކުރީކޮޅު މަގުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި އާންމުންނަށް ހުޅުވާލުމެވެ. މި މަޝްރޫޢު ނިމުމުން މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރަށް ބޮޑު ފަސޭހައެއް ލިބި، މަގު ބޭނުންކުރާ ފަރާތްތަކަށް ޒަމާނީ އަދި ތަނަވަސް މާހައުލެއް ގާއިމުވެގެންދާނެއެވެ.

