ހައްޖުގެ މަތިވެރި އަޅުކަން ނިންމުމަށްފަހު އެނބުރި ރާއްޖެ އައިސްފައިވާ ހައްޖުވެރިންނަށް ހާއްސަކޮށްގެން ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކްގެ ހިދުމަތް ދޭ ވަގުތުތައް އެ ހޮސްޕިޓަލުން އިތުރުކޮށްފިއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ، މި ބަދަލާއެކު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން ރޭގަނޑު 22:00 އާ ހަމައަށް ފްލޫ ކްލިނިކުން ހިދުމަތް ލިބޭނެ ކަމަށެވެ. މި ކްލިނިކް ގާއިމުކޮށްފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގެ މައި ކައުންޓަރާ ދިމާލުގައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މި ކްލިނިކަށް ހިދުމަތް ހޯދުމަށްދާ ހައްޖުވެރިން މާސްކު އަޅައިގެން ދިއުމަށް އިލްތިމާސްކޮށްފައެވެ. މިއީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެ އެޖެންސީން ބުނެއެވެ.
އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ، ހައްޖުން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެ ކަމަށެވެ. އަދި ހައްޖުވެރިން ގެއަށް ދިއުމަށްފަހު، މާބަނޑު މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުން ފަދަ ބަލީގެ ހާލަތު ގޯސްވެދާނެ މީހުންނާ ގާތް ނުވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން މިހާރު ވަނީ އެނބުރި ރާއްޖެ އައިސްފައެވެ. ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އައިސްފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭގަނޑު 22:45 ގައެވެ.

