ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި މަރާލި އަބްދުﷲ ޝުހާދުގެ މަރުގެ މައްސަލައިގައި، ކުށް ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ހަސަން ފަރީދުގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ޝުހާދުގެ މަންމައާއި ބައްޕަ ސުޕްރީމް ކޯޓުގައި މިއަދު ބުނެފިއެވެ. މި މައްސަލައަކީ ޖެނުއަރީ 2010 ގައި ފުވައްމުލަކުގެ ދެ އަވަށެއްގެ ބައެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި، އެ ރަށު މެކޯ، ޝުހާދަށް ވަޅިން ހަމަލާދީ މަރާލި މައްސަލައެވެ.
މި ހާދިސާގައި ލިބުނު ފުން ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް ޝުހާދު ނިޔާވީ 28 ޖެނުއަރީ 2010 ގައެވެ. މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ ފަރީދު، ޝުހާދުގެ ގަޔަށް ވަޅިހެރި މަންޒަރު ދުށް ހެކިން އެބަތިބި ކަމަށެވެ. ޝުހާދު މަރާލިކަން ސާބިތުވެ، ފުވައްމުލަކު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 13 މެއި 2015 ގައެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުން ތާއީދުކުރުމާ ގުޅިގެން، މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ފަރީދުގެ ފަރާތުންނެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ އޮންނަތާ މިހާރު ފަސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިއަދުގެ އަޑުއެހުމުގައި ޝުހާދުގެ މަންމައާއި ބައްޕަ ބައިވެރިވީ ފުވައްމުލަކުގައި ތިބެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.
ޝަރީޢަތުގެ މަޖިލީހުގައި ވާރިސުންގެ ބަސް ނެގުމުގެ ކުރިން، އުއްތަމަ ފަނޑިޔާރު ވަނީ ޝުހާދުގެ އާއިލާއާ ދައްކާނެ އެއްވެސް ވާހަކައެއް އޮތްތޯ ފަރީދާ ސުވާލުކުރައްވާފައެވެ. ނަމަވެސް، ފަރީދު ބުނީ “އާއިލާއާ ދައްކާނެ އެއްވެސް ވާހަކައެއް ނެތް” ކަމަށެވެ. އެއަށްފަހު ޝުހާދުގެ ދެ ބެލެނިވެރިންވެސް ކޯޓުގައި ތަކުރާރުކޮށް ބުނެފައިވަނީ އެ މީހުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށެވެ.
މި މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން ނިމުމަކާ ގާތްވެފައި ވަނިކޮށް، ސުޕްރީމް ކޯޓުގެ ބެންޗަށް އައި ބަދަލަކާ ގުޅިގެން މައްސަލަ ވަނީ އަލުން ފަށާފައެވެ. މިހާރު މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ. މައްސަލަ ދިގުލައިގެން ދިޔަ އެއް ސަބަބަކީ ފަރީދަށް އަޑުއިވުމުގެ މައްސަލައެއް ކުރިމަތިވުމެވެ. މިއަދުގެ ޝަރީޢަތުގައި އޭނާ ބައިވެރިވީ ހިއަރިން އެއިޑެއް ބޭނުންކޮށްގެންނެވެ.

