ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ، އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު އައްޑޫ ޓްރެއިނިންގ ސެންޓަރުގައި ބާއްވައިފިއެވެ. މި ކޯހުން ޖުމްލަ 137 ދަރިވަރުން ވަނީ ކާމިޔާބުކަމާއެކު ދަސްވެނިވެފައެވެ.
އައްޑޫ ސިޓީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދުއެވެ. ވަޒީރު ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވުމަށް ފަހު، ކޯހުން އެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ދަރިވަރުންނާ މުޚާތަބުކުރައްވައި ވަޒީރު ވާހަކަފުޅު ދެއްކެވިއެވެ.
72 ވަނަ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހާސިލުކުރީ ޕްރައިވެޓް މުޙައްމަދު ނަޒީހު ރަޝީދު އެވެ. ހަށިހެޔޮކަމުން އެއްވަނައަށް ދޭ “ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް” ޕްރައިވެޓް އައިޝަތު ރަނާ ޢަބްދުއް ރަޙްމާން ހާސިލުކުރިއިރު، ހެވިކަމަށް އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕްރައިވެޓް އަނޫސް މުޙައްމަދު އެވެ. މީގެ އިތުރުން އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕްރައިވެޓް މުޙައްމަދު ރަޒާން ޢަލީ ޒާހިރު އެވެ.
މުޅި ކޯހުން އެއްވަނަ ޕްލެޓޫނަަކަށް ހޮވިފައިވަނީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ ސިއެރާ ޕްލެޓޫނެވެ. މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2026 މާރިޗު 07 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށެވެ.
މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ. ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ނަޞްރުﷲ ވަސީމްގެ އިތުރުން ސިފައިންގެ އިސް އޮފިސަރުންނާއި ބެލެނިވެރިން ބައިވެރިވިއެވެ.
އަސާސީ ތަމްރީނު ކޯހަކީ ސިފައިންގެ ޚިދުމަތާ އަލަށް ގުޅޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ޢިލްމާއި ހުނަރު އުނގަންނައިދީ، ޤައުމިއްޔަތަށް ލޯބިކުރާ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ ހަށިހެޔޮ ސިފައިންތަކެއް ބިނާކުރުމަށް ހިންގޭ މުހިންމު ތަމްރީނެކެވެ.

