މޯލްޑިވްސް ޒަކާތު ހައުސްއިން މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ދިވެހި ރުފިޔާ ބަހައިފިއެވެ. މިއީ ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.
ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، 1447 ވަނަ އަހަރުގެ ހައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޖުމުލަ 2،384 މީހުންނަށް މުދަލު ޒަކާތުގެ ފައިސާ ވަނީ ޖަމާކޮށްދީފައެވެ. މި ބުރުގައި ޒަކާތުގެ ގޮތުގައި ޖުމުލަ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ދިވެހި ރުފިޔާ ވަނީ ބަހާފައެވެ.
މިއަހަރު ބޮލަކަށް ޖެހުނު މިންވަރަކީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިއީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،000 ރުފިޔާއަށްވުރެ ގިނައިން ބެހި ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.
މުދަލު ޒަކާތް ބެހުމުގެ މަސައްކަތަކީ ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، އޭގެ މަންފާ އެންމެ ހައްގުވެރި ފަރާތްތަކަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

