އިންޑިއާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް މީސްލްސް ރުބެއްލާ ވެކްސިންގެ 20,000 ޑޯސް އާއި 3 ޓަނުގެ ސިއްހީ އެކި އާލާތްތައް ހަދިޔާކޮށްފިއެވެ. މި ތަކެތި ހަވާލުކުރުމަށް ސިއްހީ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިންޑިއާ ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖ. ބަލަސުބްރަމަނިއަމްއެވެ. ރާއްޖޭގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ގީލާ އަލީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ގީލާ އަލީ ވިދާޅުވީ، މި އެހީއަކީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިއްސާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަލުވިކޮށް، އާންމު ސިއްހަތަށް ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް ވަރުގަދަ ކުރަމުންދާ މުހިންމު ދަނޑިވަޅެއްގައި ލިބުނު އެހީއެއް ކަމަށެވެ. މި ސާމާނުގެ ސަބަބުން ބަލިތަކުން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، ބައްޔަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، "އެމް.އާރް ވެކްސިންގެ ސަބަބުން ބަލި ފެތުރުން ހުއްޓުވުމަށާއި ނުރައްކަލަށް ހުށަހެޅިފައިވާ ފަރާތްތައް ރައްކާތެރިކުރުމަށް މަގުފަހިވާނެ. އަދި ލެބޯޓްރީ ސާމާނު އިތުރުވުމުން، ބަލިތައް ދެނެގަތުމާއި މޮނިޓަރ ކުރުމުގެ މަސައްކަތްތައް އަވަސްވެގެންދާނެ. މީގެއިތުރުން، ޕީ.ޕީ.އީ އާއި ތައްޔާރީ ހާލަތަށް ބޭނުންވާ ތަކެތީގެ ސަބަބުން، އިސް ސަފުގައި މަސައްކަތްކުރާ ސިއްޙީ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުވެ، ގައިންގަޔަށް އަރާ ބަލިތަކަށް އޮންނަ ތައްޔާރީ ހާލަތު އިތުރަށް ވަރުގަދަވާނެ" ކަމަށެވެ.
ދިވެހިރާއްޖެއާއި އިންޑިއާއަކީ ޒަމާންވީ ގާތް ގުޅުމެއް އޮންނަ ދެ ގައުމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަށް އެހީތެރިކަން ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި މި އެހީއަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ އިތުރު ހެއްކެއް ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާ ސަފީރު ޖ. ބަލަސުބްރަމަނިއަމްގެ ވާހަކަފުޅުގައި، ރާއްޖެއަށް ދިމާވާ ކޮންމެ ކާރިސާއެއްގައިވެސް އެންމެ ފުރަތަމަ އިޖާބަދޭ ގައުމަކަށް އިންޑިއާ ވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. ސުނާމީ ކާރިސާއާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގައިވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިންކަން ހަނދާންކޮށްދެއްވަމުން، ކުރިއަށް އޮތްތަނުގައިވެސް މި ގުޅުން ބަދަހިކޮށް އިތުރު އެހީތައް ފޯރުކޮށްދޭނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި މި ތަކެތީގެ ތެރޭގައި 20,000 ޑޯސްގެ މީސަލްސް ވެކްސިންގެ އިތުރުން، ލެބޯޓްރީ ސާމާނާއި، ޕީ.ޕީ.އީ ކިޓުތަކާއި، އަދި ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންކުރާނެ އެކި ބާވަތުގެ އާލާތްތައް ހިމެނެއެވެ.

