މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު މެންދުރު ފަހު ފަށާނެއެވެ.
މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގެ ވޯޓުލުން ކުރިން ތާވަލުކޮށްފައި އޮތީ މިއަދުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 ގެ ނިޔަލަށެވެ. ނަމަވެސް އެ ޕާޓީއިން ފަހުން ވަނީ އެ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު ރޭގަނޑު 8:30ގެ ނިޔަލަށް ކަނޑައަޅާ 30 މިނިޓު އިތުރުކޮށްފައެވެ.
ވޯޓުލާ ވަގުތަށް މި ބަދަލު ގެނައި ސަބަބެއް އެ ޕާޓީން ހާމަކޮށްފައި ނުވެއެވެ.
އިންތިހާބުގެ ޓައިމްލައިންގައިވާ ގޮތުން ވޯޓުލުމުގެ ފުރުސަތު ލިބިގެންވަނީ މިއަހަރުގެ އެޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ ދަފްތަރުގައި މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. މި އިންތިހާބުގެ ފޯރި ވަރަށް ގަދަވެފައިވާއިރު، ދެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ޕާޓީގެ އިސް ބޭފުޅުން ވަނީ ފޯރިގަފަ ކެމްޕެއިންތަކެއް ކުރިއަށް ގެންގޮސްފައެވެ.
މިއީ އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށް ބާއްވާ މުހިއްމު އިންތިހާބަކަށްވާނެއިރު، ގިނަ އަދަދެއްގެ މެންބަރުން ވޯޓުލުމަށް ނުކުންނާނެ ކަމަށް ބެލެވެއެވެ.

