މާލޭގެ ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތަށް ބަންދުކުރުމަށް ފަހު ހުޅުވައިފިއެވެ.
މިދިޔަ އެޕްރީލްމަހުގެ ތެރޭގައި، މަރާމަތުގެ މަސައްކަތް ކުރުމަށް ވަގުތީ ގޮތުން ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު ބަންދުކުރުމަށް ފަހު އާންމުންނަށް އަލުން ހުޅުވާލާފައިވަނީ މިއަދު ހެނދުނުން ފެށިގެންނެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، މިއަދު ހެނދުނުން ފެށިގެން ރަސްފަންނު ބޭނުންކުރެވޭނެ ކަމަށެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދަށުން، އެ ސަރަހައްދުގެ އުތުރު ފަރާތުގައި ފެން ހިންދާ ހާއްސަ ނިޒާމެއް ގާއިމުކޮށް، ކުރިން ޖަހާފައިވާ ހިލަތޮށި އެއްކޮށް ނަގާފައިވެއެވެ. އަދި މޫދު ފެން ރަނގަޅަށް ދައުރުވާނެ ގޮތަށް އޮއިދެމޭ ހޮޅިތަކެއް ހިމަނައިގެން އަލުން ހިލަތޮށި ޖަހައި، ފެން ތަގައްޔަރުވުމުގެ މައްސަލައަށް ވަނީ ދާއިމީ ހައްލެއް ހޯދާފައެވެ.
މީގެ އިތުރުން އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބައެއް އާންމު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ވަނީ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ރަސްފަންނު ބޭނުންކުރާ ފަރާތްތައް ބޭނުންކުރުމަށް ފާޚާނަބަރިއަކާއި، ފެން މާގަނޑު ބެހެއްޓުން އަދި ލޮކަރފަދަ ވަސީލަތްތައް ޤާއިމްކުރުންވެސް ހިމެނެއެވެ.
މިނިސްޓްރީން ވަނީ، މި ބޮޑު މަރާމާތުގެ މުއްދަތުގައި މާލޭގެ ރައްޔިތުންނާއި އެ ސަރަހައްދު ބޭނުންކުރާ އާންމު ފަރާތްތަކުން ދެއްވި އެއްބާރުލުމާއި ބެހެއްޓެވި ކެތްތެރިކަމަށްޓަކައި ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ރަސްފަންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު އެމިނިސްޓްރީގެ ބެލުމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއުއިމްކުރުމަށް 2016 ވަނަ އަހަރު ތަރައްޤީކޮށް ހުޅުވާފައިވާ ތަނެކެވެ.
އެތަނުގައި ޢާއިލާއާއެކު ހިތްހަމަޖައްސާލަން ތިބެވޭނެ ޖޯލިފަތިތަކާއި ހޮޅުއަށިތަކުގެ އިތުރުން މަސް ބާނަންދާ މީހުންނަށް ޚާއްސަ ހަޓަކާއި ބާބަކިއު ހަދަން ތިބެވޭނެ އިންތިޒާމުތައްވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން އެތަނަށް ދާ ފަރާތްތަކަށް ޚާއްސަކޮށްގެން ޕާކިންގ ޒޯނެއްވެސް ވަނީ ހަދާފައެވެ.

