މިޞްރުގެ އުމުރުން އެންމެ 18 އަހަރުގެ ހަމްޒާ ޢަބްދުލްކަރީމަކީ މިއަދު ފުޓްބޯޅަ ދުނިޔޭގައި އެންމެ ގަދައަށް ދެކެވޭ އެއް ނަމެވެ. 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކަނޑައަޅާފައިވާ މިޞްރުގެ ސްކޮޑުގައި ހިމެނޭ އެންމެ ޒުވާން ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހަމްޒާ އަކީ، މި މުބާރާތުގައި ވިދާލާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ތަރިއެކެވެ.
ބާސެލޯނާގެ 19 އަހަރުން ދަށުގެ ޓީމަށް ކުޅެމުންދާ މި ފޯވާޑަކީ މިޞްރުގެ އަލް އަހްލީން ލޯނު އުސޫލުން ބާސެލޯނާއާ ގުޅުނު ކުޅުންތެރިއެކެވެ. އޭނާގެ މޮޅު ކުޅުމުގެ ސަބަބުން، މި މަސް ނިމުމާއެކު އޭނާ ދާއިމީކޮށް ގަތުމަށް ބާސެލޯނާއިން ވަނީ ނިންމާފައެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި ހަމްޒާ އެންމެ ފުރަތަމަ ވިދާލީ މިދިޔަ ނޮވެމްބަރު މަހު ޤަޠަރުގައި ބޭއްވުނު ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުގައެވެ. އެ މުބާރާތުގައި އޭނާ ޖެހި ލަނޑުތަކާއެކު މިޞްރުގެ ޓީމު ވަނީ ގަދަ 32 އަށް ދަތުރުކޮށްފައެވެ. އޭގެ އެންމެ ހަތް މަސް ފަހުން، އޭނާ މިހާރު ތައްޔާރުވަމުންދަނީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ އީދުގައި އޭނާގެ ހުނަރު ދައްކާލުމަށެވެ.
ޤާހިރާއަށް އުފަން މި ކުޅުންތެރިޔާ ބާސެލޯނާގެ އެކަޑަމީއާ ގުޅުނީ މިއަހަރުގެ ފެބްރުއަރީ މަހުގައެވެ. ބާސެލޯނާގެ 19 އަހަރުން ދަށުގެ ޓީމުން ލީގު ތަށި ހޯދުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން އެންމެ 7 މެޗުން އޭނާ ވަނީ 5 ލަނޑު ކާމިޔާބުކޮށްފައެވެ.
މިޞްރުގެ ޤައުމީ ޓީމުގެ ކޯޗު ޙުސާމް ޙަސަން، ހަމްޒާ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނީ ކްލަބް ލެވެލްގައި އޭނާ ދައްކަމުންދާ އާދަޔާޚިލާފު ކުޅުމުގެ ސަބަބުންނެވެ. ބާސެލޯނާގެ ޖުވެނިލް އޭ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައިވެސް ހަމްޒާ ވަނީ ބޮލުން ލަނޑެއް ޖަހާފައެވެ.
ހަމްޒާއާ ދެކޮޅަށް ކުޅުނު ހުއެސްކާގެ ގޯލްކީޕަރު ޖޯޑީ ސައުސޭޑޯ ފީފާއަށް ދިން އިންޓަވިއުއެއްގައި ބުނީ، ހަމްޒާ އަކީ ތަފާތު ކުޅުންތެރިއެއް ކަމަށެވެ. “އޭނާއަކީ ވައިގެ ތެރޭގައި ވަރަށް ނުރައްކާތެރި، އަދި ޖިސްމާނީ ގޮތުން ވަރުގަދަ ކުޅުންތެރިއެއް. އޭނާ އަކީ ބޯޅަ ހިފަހައްޓައިގެން ގޯލަށް ނުރައްކާކުރާ ކްލެސިކް ނަންބަރު 9 އެއް،” ސައުސޭޑޯ ބުންޏެވެ.
ދުނިޔޭގެ މޮޅެތި ކްލަބްތަކުގެ ލޯތައް އަމާޒުވެފައިވާ ހަމްޒާ ޢަބްދުލްކަރީމަކީ ވޯލްޑް ކަޕުގައި ބަލާލަން އެންމެ ޝައުޤުވެރިވާނެ އެއް ކުޅުންތެރިޔާއަށް ވާނެކަން ކަށަވަރެވެ.

