ފީފާ ވޯލްޑް ކަޕްގައި މިރޭ ކެނެޑާ އާއި ބޮސްނިޔާ އެންޑް ހެރްޒެގޮވިނާ ބައްދަލުކުރާ މެޗަކީ ގިނަ ގޮތްގޮތުން ތާރީޚީ މެޗަކަށް ވެގެންދާނެއެވެ. ކެނެޑާގެ ޓޮރޮންޓޯގައި ހުންނަ ބީ.އެމް.އޯ ފީލްޑްގައި ކުޅޭ މި މެޗަކީ ކެނެޑާގެ އަމިއްލަ ފަސްގަނޑުގައި ކުޅެވޭ ފުރަތަމަ ވޯލްޑް ކަޕް މެޗެވެ.
މިރޭ އީސްޓަން ޓައިމްއިން މިރޭ ރާއްޖެ ގަޑިން 12:00 ގައި ފަށާ މި ފޯރިގަދަ މެޗަށް އިންސާފުކުރާނީ އާޖެންޓީނާގެ މަޝްހޫރު ރެފްރީ ފަކުންޑޯ ޓެލޯއެވެ.
މި މެޗަކީ ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި މި ދެ ޤައުމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެއްވެސް މުބާރާތެއްގައި ނުވަތަ އެކުވެރިކަމުގެ މެޗެއްގައިވެސް މި ދެ ޓީމު ބައްދަލުކޮށްފައެއް ނުވެއެވެ. އެހެންކަމުން، މިއީ މި ދެ ޤައުމުގެ ފުޓްބޯޅަ ތާރީޚުގައި އާ ސަފުހާއެއް ހުޅުވިގެންދާނެ މެޗެކެވެ.
ކެނެޑާގެ ޓީމަށް ބަލާއިރު، އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަލްފޮންސޯ ޑޭވީސްއަށް ކުރިމަތިވެފައިވާ ފަލަމަސްގަނޑުގެ އަނިޔާގެ ސަބަބުން، މިރޭގެ މެޗުގައި އޭނާ ފެނުމާމެދު ވަނީ ސުވާލު އުފެދިފައެވެ. އަނެއްކޮޅުން ބޮސްނިޔާގެ އުންމީދަކީ އެ ޓީމުގެ ތަޖުރިބާކާރު ކެޕްޓަން، އުމުރުން 40 އަހަރުގެ އެޑިން ޒެކޯއެވެ. ޒެކޯ ވަނީ ކޮލިފައިން ބުރުގައި އެ ޓީމަށް މުހިންމު 6 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ކެނެޑާއިން މީގެ ކުރިން 1986 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރި ނަމަވެސް، އެ ދެ ފަހަރުވެސް ކުޅުނު ހުރިހާ މެޗަކުން ވަނީ ބަލިވެފައެވެ. އެހެންކަމުން، މިރޭގެ މެޗުން މޮޅުވެއްޖެނަމަ، އެއީ ވޯލްޑް ކަޕްގެ ތާރީޚުގައި ކެނެޑާއިން ހޯދާ ފުރަތަމަ މޮޅަށް ވެގެންދާނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފުޓްބޯޅަ ސަޕޯޓަރުން އިންތިޒާރުކުރަމުންދާ މި މެޗަކީ، ކެނެޑާގެ ފުޓްބޯޅައަށް އާ އުންމީދުތަކެއް ގެނުވާނެ މެޗެއް ކަމަށް ބެލެވެއެވެ.
ފީފާ ވޯލްޑް ކަޕް: ތާރީޚީ ކުރިމަތިލުމެއްގައި ކެނެޑާ އާއި ބޮސްނިޔާ މިރޭ ބައްދަލު ކުރަނީ

