ފ.އަތޮޅު ނިލަންދޫއަށް ދިގު މުއްދަތެއްގައި ގިނަގުނަ ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އެ ރަށު އަތިރީގޭ އަޙްމަދު މޫސާ (ކަތީބު ދޮންބެ)އަކީ ލާމަސީލު ނަމޫނަތަކެއް ދެއްކެވި ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، އުމުރުން 101 އަހަރުގައި، ކަތީބު ދޮންބެ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެ ފޮނުއްވި މެސެޖުގައެވެ.
ރައީސްގެ ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، ނިލަންދޫގެ ކަތީބުކަމުގެ މަޤާމުގައި ހުންނަވައިގެން އެ ރަށަށް ކަތީބު ދޮންބެ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކާއި، އެ މަރްޙޫމުގެ ކިބައިން ފެނުނު އަމާނާތްތެރިކަމާއި، ހިތްޕުޅުހެޔޮކަމަކީ މުޅި ދިވެހިރާއްޖެއަށްވެސް ހުރި ރީތި ނަމޫނާއެއް ކަމަށެވެ. އަދި އެއީ އެތައް މަސައްކަތެއް ކުރެއްވުމުގެ ހުނަރު ލިބިވަޑައިގެންފައިވާ، މުރާލި އަދި ހަރުދަނާ ޝަޚްޞިއްޔަތެއްގެ ވެރިއެއްކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް މެސެޖު ނިންމަވާލައްވާފައިވަނީ މަރްޙޫމް އަޙްމަދު މޫސާގެ ލޮބުވެތި ޢާއިލާއަށާއި ފ. ނިލަންދޫގެ ހުރިހާ ރައްޔިތުންނަށް އިޚުލާޞްތެރި ތަޢުޒިޔާ ދަންނަވަމުންނެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް އެ މަރްޙޫމަށް މިންވަރުކުރެއްވުމަށް އެދި ދުޢާކުރައްވަމުންނެވެ.
ކަތީބު ދޮންބެ އަވަހާރަވީ ޢުމުރުފުޅުން 100 އަހަރުގައެވެ.އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން، މިއަދު މެންދުރު ފަހު 3:08 އެހާކަންހާއިރު ކަތީބުދޮންބެ އަވަހާރަވީ ނިލަންދޫ ހޮސްޕިޓަލުގައެވެ. އަވާހަރަވިއިރު އޭނާގެ ހުރިހާ ކުދިން ވެސް ތިބީ އެ ރަށުގައެވެ.
ކަތީބު ދޮންބެއަކީ ރަށު ފެންވަރުގައާއި ޤައުމީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ރެކޯޑެއް އޮތް ބޭފުޅެކެވެ. ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު 1992 ވަނަ އަހަރު ކަތީބު ދޮންބެ ވަނީ ހާސިލުކުރައްވައިފައެވެ.

