ފީފާ ވޯލްޑް ކަޕް ގްރޫޕް ބީގެ ފުރަތަމަ ބުރުގައި ކެނެޑާ އާއި ބޮސްނިއާ އެންޑް ހެރްޒެގޮވިނާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
ރޭ ކެނެޑާގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ބޮސްނިއާއިންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ލޫކިޗް އެވެ. އޭނާ މި ލަނޑު ޖެހީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
ބޮސްނިއާ ކުރީގައި އޮވެ މެޗު ނިމެން ދަނިކޮށް، ކެނެޑާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލާރިން އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މެޗުގެ 78 ވަނަ މިނެޓުގައެވެ.
އޮޕްޓާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ ކެނެޑާގެ ވޯލްޑް ކަޕް ތާރީޚުގައި ފާހަގަކޮށްލެވޭ މެޗެކެވެ. ކެނެޑާއިން މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު ހަތް މެޗުގައިވެސް އެ ޓީމު ކޮޅަށް ލަނޑު ވަދެފައިވީ ނަމަވެސް، މިއީ ވޯލްޑް ކަޕް މެޗެއްގައި އިދިކޮޅު ޓީމުން ލަނޑު ޖަހާފައިވަނިކޮށް، ފަހަތުން އަރައި ކެނެޑާއިން ނަތީޖާ ހަމަހަމަކުރި ފުރަތަމަ ފަހަރެވެ.
މި މެޗުން ލިބުނު ޕޮއިންޓާއެކު، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއަށް ވަނީ ގްރޫޕް ސްޓޭޖުގައި ކުރިއަށް ދިއުމުގެ އުންމީދު އާވެފައެވެ.

