މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 1.05 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 959 މިލިއަން ރުފިޔާއާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާރިޗު މަހުގައެވެ. އެ މަހު 312 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު، ޖަނަވަރީ މަހު 221 މިލިއަން އަދި ފެބުރުވަރީ މަހު 200 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިން އަންނަ މިންވަރު މަދުވުމުގެ ސަބަބުން މޭ މަހުގެ އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 32 އިންސައްތަ ދަށްވެފައެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށް ފައިސާ ހޯދުމަށް 2016 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ މި ޓެކުހަކީ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ފީއެކެވެ. މިގޮތުން ރިސޯޓުތަކާއި ހޮޓާތަކުން ކޮންމެ ފަތުރުވެރިއެއްގެ އަތުން 12 ޑޮލަރު ނަގާއިރު، ގެސްޓްހައުސްތަކުން ނަގަނީ 6 ޑޮލަރެވެ. އުމުރުން ދެ އަހަރު ނުވާ ކުޑަކުދިން މި ޓެކުހުން އިސްތިސްނާވެއެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ ފައިސާ ސަރުކާރުން ބޭނުންކުރަނީ ރަށްރަށުގެ ތަރައްގީއާއި ތިމާވެށީގެ އެކި މަޝްރޫއުތަކަށެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް ފަދަ މުހިންމު މަސައްކަތްތައް ހިމެނެއެވެ.

