ދައުލަތުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ސިވިލް ސާވަންޓުންގެ ކުރިއެރުމަށްޓަކައި މިއަހަރުގެ ބަޖެޓުން 15 ބިލިއަނެއްހާ ރުފިޔާ ހޭދަކުރަމުންދާ ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދު ހާމަކުރައްވައިފިއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ޝަފީއު ވިދާޅުވީ ސިވިލް ސާވިސްއަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ މައި އިންޖީނު ކަމަށެވެ. އަދި ރައްޔިތުންނަށް ރެއާއި ދުވާލު މެދުނުކެނޑި ލިބެމުންދާ ހިދުމަތްތަކަކީ އެ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާރު ރާއްޖޭގެ ސިވިލް ސާވިސްގައި ދާއިމީ އަދި ކޮންޓްރެކްޓް އުސޫލުން 35,000 އެއްހާ މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، މިއީ އާބާދީގެ ކޮންމެ 15 މީހަކަށް މުވައްޒަފެއްގެ ނިސްބަތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މުވައްޒަފުންނަށް ކުރާ ހޭދައާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، "ދިވެހި ދައުލަތުގެ ބަޖެޓުން މުވައްޒަފުން ކުރާ ހޭދައަށް ބަލާއިރު ގާތްގަނޑަކަށް މި އަަހަރު 15 ވަރަކަށް ބިލިއަނެއްހާ ރުފިޔާ ހޭދަކުރަމުން މި ދަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ކުރާ ހިދުމަތުގެ ފެންވަރު މަތިކުރުމާއި މުވައްޒަފުންގެ މުސާރައަށް" ކަމަށެވެ. މި ހޭދައިގެ ތެރެއިން ގާތްގަނޑަކަށް 62 އިންސައްތަ ހިއްސާކުރަނީ ސީދާ މުވައްޒަފުންގެ މުސާރައަށް ކުރާ ހޭދަކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ސިޔާސަތަކީ މުވައްޒަފުންނަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ފަދަ އެކަށީގެންވާ މުސާރައެއް ކަށަވަރުކޮށްދިނުން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް މުސާރަތައް ބޮޑުކޮށްދެއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ބޮޑު ހޭދައާއެކު ރައްޔިތުންގެ އުންމީދުތައް މަތިވާނެތީ، ހިދުމަތް ދިނުމުގައި ހަލުވިކަމާއި ފަރުވާތެރިކަން އިސްކުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
ނިންމަވާލައްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ސިވިލް ސާވިސްއަކީ ޕްރޮފެޝަނަލް މިންގަނޑުތަކަށް ފެތޭ، ހަލުވި ސްޕީޑެއްގައި ހިދުމަތްދޭ ތަނަކަށް ހެދުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއިން މުސާރަ ލިބޭ ކޮންމެ މުވައްޒަފަކީވެސް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދޭނެ މީހަކަށް ވާންޖެހޭނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

