ގދ.ހޯޑެއްދޫގައި ހުރި ވިޔަފާރީގެ ފުރުސަތުތަކާއި ބެހޭގޮތުން ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު އާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން އާއި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ނައިބްރައީސް އަދި ހޯނޑެއްދޫ ކައުންސިލުގެ ރައީސް ހުސައިން ވާރިޝް ވަނީ މިއަދު ހެދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނަޝީދުއާ ބައްދަލުކޮށް އެބޭފުޅުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.
މިބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި:
– އަލަ އޮޅު ތަކުން ސީދާ ރައްޔިތުމީހާއަށް ނަފާ ލިބޭނެ ގޮތްތައް ހޯދުން.
– ގްރީން އެނަރޖީ، އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ކުރާނެގޮތް ދެނެގަތުން.
– ލޯކަލް ޓުއަރިޒަމަށް ހުރި ޖޮންޖެހުންތައް ނައްތައި، ހޯނޑެއްދޫ އަދި މުޅި ހުވަދު އަތޮޅުގައި ފުޅާކުރުން ހިމެނެއެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ހޯޑެއްދޫ ދާއިރާގެ މެމްބަރ ފިރުޝާން ވިދާޅުވީ ހޯޑެއްދޫގައި ހުރި ވިޔަފާރިތައް ކުރިއެރުވުމުގައި ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށާއި މިގޮންޖެހުންތަކާއި ބެހޭގޮތުން ރައީސް ނަޝީދުއާ މަޝްވަރާ ކުރެވުނު ކަމަށެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ހޯޑެއްދޫގައި ވިޔަފާރި ކުރިއެރުވުމުގައި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ފިރުޝާން ވިދާޅުވިއެވެ.
މީގެއިތުރުން ހޯޑެއްދޫގައި ލޯކަލް ޓޫރިޒަމަށް ހުރި ގޮންޖެހުންތައް ނައްތާލައި ހޯޑެއްދޫ އަދި މުޅި ހުވަދު އަތޮޅަށް މަންފާ ލިބޭ ގޮތަށް ވިޔަފާރިތައް ފުޅާކުރުމާއި ބެހޭގޮތުން މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

