2026 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ފޯރިގަދަވަމުން އަންނައިރު، މުބާރާތުގެ ތިންވަނަ ދުވަހު ފުޓްބޯޅައިގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ ބްރެޒިލް، އެ ގައުމުގެ 23 ވަނަ ވޯލްޑްކަޕް ކެމްޕޭން މޮރޮކޯއާ ދެކޮޅަށް މިރޭ ދަންވަރު ރާއްޖެ ގަޑިން ދަންވަރު 03:00 ގައި ކުޅޭނެއެވެ.
ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މި ފޯރިގަދަ މެޗަކީ ގްރޫޕް ސީގެ ފުރަތަމަ މެޗެވެ. މިއީ ދުނިޔޭގެ ރޭންކިންގެ ގަދަ 10 އެއްގައި ހިމެނޭ ދެ ގައުމު ގްރޫޕް ސްޓޭޖުގައި ބައްދަލުކުރާ ހަމައެކަނި މެޗެވެ. ބްރެޒިލް މިވަގުތު ރޭންކިންގެ 6 ވަނައިގައި އޮތްއިރު، މޮރޮކޯ އޮތީ 8 ވަނައިގައެވެ.
ބްރެޒިލަކީ 1930 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑްކަޕެއްގައި ވާދަކުރި ހަމައެކަނި ގައުމެވެ. ފަސް ފަހަރު ތަށި އުފުލާލާފައިވާ ބްރެޒިލުން ހަވަނަ ތަށްޓަކަށް ކުރާ އުންމީދުގައި ނުކުންނައިރު، އިދިކޮޅުން ނުކުންނަ މޮރޮކޯއަކީ އެންމެ ފަހުން ބޭއްވި ވޯލްޑްކަޕްގައި ސެމީ ފައިނަލަށް ދަތުރުކޮށް ތާރީޚީ ކާމިޔާބީއެއް ހޯދި ޓީމެކެވެ.
މި ފަހަރުގެ ވޯލްޑްކަޕްގައި ބްރެޒިލާއި މޮރޮކޯ ބައްދަލުކުރާ ފޯރިގަދަ މެޗަށް ނުކުންނައިރު، ދެ ޓީމުގައިވެސް ދުނިޔޭގެ ފެންވަރުގެ ފާހަގަކޮށްލެވޭ ކުޅުންތެރިން އެބަތިއްބެވެ.
ބްރެޒިލް:
ބްރެޒިލްގެ އެޓޭކުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ބާސެލޯނާގެ ތަރި ރަފީނިއާ އަށެވެ. އޭނާއަކީ 2026 ގެ ކޮލިފައިންގައި ބްރެޒިލަށް އެންމެ ގިނަ ލަނޑު ޖަހައިދީ، ގިނަ އެސިސްޓްތަކެއްވެސް ކޮށްދީފައިވާ ކުޅުންތެރިޔާއެވެ. ރަފީނިއާގެ އިތުރުން ރެއާލް މެޑްރިޑްގެ ހުނަރުވެރި ފޯވާޑް ވިނީޝިއަސް ޖޫނިއާ އާއި ރޮޑްރީގޯ އަކީ މޮރޮކޯގެ ޑިފެންސަށް ބޮޑު ނުރައްކަލަކަށް ވާނެ ކުޅުންތެރިންނެވެ. މީގެ އިތުރުން މެދުތެރޭގައި ބްރޫނޯ ގިމަރޭޒް އާއި ޑިފެންސްގައި ތަޖުރިބާކާރު މާކީނިއޯސް މުހިންމު ދައުރެއް އަދާކުރާނެއެވެ.
މޮރޮކޯ:
މޮރޮކޯގެ ޓީމަށް ބަލާއިރު، ދުނިޔޭގެ އެންމެ މޮޅު އެއް ރައިޓް-ބެކް ކަމަށްވާ އަޝްރަފް ޙަކީމީ އަކީ އެ ޓީމުގެ އެންމެ ބޮޑު ބާރެވެ. އޭނާގެ ބާރުމިނާއި އެޓޭކްތަކުގައި ބައިވެރިވުމަކީ ބްރެޒިލްގެ ޑިފެންސަށް އޮތް ގޮންޖެހުމެކެވެ. މެދުތެރޭގައި ކުޅޭ ސޯފިއާން އަމްރާބަތު އަކީ ކުޅުން ކޮންޓްރޯލް ކުރުމުގައި މުހިންމު ކުޅުންތެރިއެކެވެ. އެޓޭކުގައި ޙަކީމް ޒިޔެޗް ގެ ހުނަރާއި، ޔޫސުފް އެން-ނެސީރީ ގެ ލަނޑުޖެހުމުގެ ގާބިލުކަމަށް ބްރެޒިލުން ސަމާލުވާން ޖެހޭނެއެވެ. އަދި ގޯލްކީޕަރު ޔާސީން ބޯނޯ އަކީ އެންމެ ފަހުގެ ވޯލްޑްކަޕްގައިވެސް ތަފާތު ދެއްކި ކީޕަރެކެވެ.
މި ދެ ޓީމުގެ ކުރިމަތިލުމަކީ ހުނަރުވެރި ކުޅުންތެރިންތަކެއްގެ މެދުގައި ހިނގާނެ ވަރުގަދަ ހަނގުރާމައަކަށް ވާނެ ކަމަށް ބެލެވެއެވެ. ބްރެޒިލްގެ އެޓޭކިންގް ފުޓްބޯޅައާއި މޮރޮކޯގެ ވަރުގަދަ ޑިފެންސިވް ސްޓްރަކްޗާ ބައްދަލުކުރާއިރު، މުޅި ދުނިޔޭގެ ނަޒަރު އޮންނާނީ މި ކުޅުންތެރިންގެ ހުނަރަށެވެ.
އޮޕްޓާ ސުޕަ ކޮމްޕިއުޓަރުގެ ލަފާކުރުންތަކަށް ބަލާއިރު، މި މެޗުން ބްރެޒިލް މޮޅުވުމުގެ ފުރުސަތު 58.6 އިންސައްތަ އެބައޮތެވެ. ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ މިފަހަރު އަމާޒު ހިފާފައިވަނީ ވޯލްޑްކަޕާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ތިންވަނަ ކޯޗުގެ ޝަރަފު ހޯދުމަށެވެ.

