ވަޠަނީ ހިދުމަތުގެ ތެރެއިން ސިފައިންގެ ޚިދުމަތާ ގުޅުނު ޒުވާނުން ތަމްރީނު ފުރިހަމަކޮށް ދަސްވެނިވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯހުން ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ވަނީ ކާމިޔާބީއާއެކު ދަސްވެނިވެފައިވާތީ އެކަން ފާހަގަކުރައްވާ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ޒުވާނުންނަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، އަދި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ބަޔަކަށް ހެދުމަށް ސަރުކާރުން ފަށާފައިވާ “ދިވެހި ވަޠަނީ ޚިދުމަތް” (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގެ މަޤްޞަދުތައް ޙާޞިލުވަމުންދާ ކަމަށެވެ.
ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ވަޠަނީ ހިދުމަތުގެ މަސައްކަތުގެ ތެރެއިން، ސިފައިންގެ ޚިދުމަތާ ގުޅުނު ޒުވާނުން ތަމްރީނު ފުރިހަމަކޮށް ދަސްވެނިވުމަކީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވަނީ މި ކޯހުން އެކި ވަނަތައް ހާސިލުކުރި ބައިވެރިންނަށް މަރުޙަބާ ދަންނަވައި، ޤައުމީ ޚިދުމަތުގެ މަތިވެރި ސަފުތަކާ ގުޅުނު ހުރިހާ ޒުވާނުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ.
ސަރުކާރުގެ އަމާޒަކީ ދިވެހި ޤައުމިއްޔަތުގެ ސިފަތައް އަށަގަނެފައިވާ، މަސައްކަތްތެރި އަދި އަޚްލާޤީ ގޮތުން ނަމޫނާ ޒުވާނުންތަކެއް މުޖުތަމައަށް ނެރުމެވެ. މި ތަމްރީނު ޕްރޮގްރާމްތަކަކީ އެ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯހުން ރާއްޖޭގެ 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ 137 ދަރިވަރުން ވަނީ ކާމިޔާބީއާއެކު ދަސްވެނިވެފައިވާއިރު މިއީ “ދިވެހި ވަޠަނީ ޚިދުމަތް” އިނީޝަލް ތަމްރީނުގެ ފުރަތަމަ ބެޗު ނިންމައި، އެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ސިފައިންގެ ޚިދުމަތާ ގުޅުނު ޒުވާނުންނެވެ.

