އެޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓު އެއްވަރުވުމުން، އަލުން ނެގި ވޯޓު، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް ކާމިޔާބު ކުރެއްވުމާ ގުޅިގެން ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފިއެވެ.
މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ ސުހާގެ އިތުރުން، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ. 1،049 މީހުންނަށް ލިބިގެންވާ އެ އިންތިހާބުގައި ކަށަވަރުވެފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސުހާ ވަނީ ބޮޑު ފަރަގަކުން އިންތިޚާބު ކާމިޔާބު ކޮށްފައެވެ.
ރައީސް މުއިއްޒު ވަނީ، ސުހާ ގޮނޑި ކާމިޔާބު ކުރެއްވުމުން މަރުހަބާ ވިދާޅުވެ، ސުހާއަށް ވޯޓު ދިން ދާއިރާގެ ރައްޔިތުންނަށް އެމަނިކުފާނުގެ އިޚުލާސްތެރި ޝުކުރު އަރިސްކުރައްވާފައެވެ. އަދި އެ ގޮނޑި ޕީއެންސީއަށް ކާމިޔާބުކޮށް ދިނުމަށް މަސައްަތްކުރެއްވި ހުރިހާ ފަރާތްތަކަށްވެސް ރައީސްގެ އިޚުލާސްތެރި ޝުކުރު ދަންނަވާފައިވެއެވެ.
އިންތިހާބުގައި ބެއްޓި ތިން ފޮށިން ވެސް ކުރި ހޯދާފައިވަނީ، ސުހާއެވެ. 985 މީހުން ވޯޓުލީ އިންތިހާބުގައި ވަގުތީ ނަތީޖާ ދައްކާ ގޮތުން، ސުހާއަށް ޖުމްލަ 529 ވޯޓު ލިބުނުއިރު ޝާހިދަށް ލިބުނީ 449 ވޯޓެވެ. ޖުމްލަ ވޯޓުގެ ތެރޭ ބާތިލް ހަތް ވޯޓު ހިމެނެއެވެ.
އެހެންކަމުން ސުހާއަށް ދ. މީދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބު ކާމިޔާބުވީ 80 ވޯޓު އިތުރަށް ލިބިގެންނެވެ.
މި ނަތީޖާއާ އެކު، ދ. މީދޫގެ ކައުންސިލުގެ ފުރިހަމަ އަޣުލަބިއްޔަތު ޕީއެންސީއަށް ލިބިގެން ގޮސްފައިވެއެވެ.

