މީސްމީޑިއާގެ އެކި މަންސަތަކުގައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީ، ޓިކްޓޮކް މެދުވެރިކޮށް ބަނބުކެޔޮ ވިއްކާ ކަމަށް ބުނެ ހިންގަމުންދާ އާ ސްކޭމަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، “އިނާ” ނަމަކަށް ކިޔާ ޓިކްޓޮކް އެކައުންޓަކުން ބަނބުކެޔޮ ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ކަމުގެ ރިޕޯޓުތައް ވަނީ ލިބިފައެވެ. މިފަދަ އެކައުންޓުތަކަށް ފައިސާ ފޮނުވުމުގައި އާންމު ރައްޔިތުން އިންތިހާއަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، “މި އެކައުންޓަކީ އޮޅުވާލައިގެން މަކަރާއި ހީލަތުން ކަންތައްތައް ހިންގަމުންދާ އެކައުންޓެއްގެ ގޮތުގައި ރިޕޯޓްކުރެވިފައިވާތީ، މިފަދަ ކަންކަމަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކުރަން. މި އެކައުންޓް ހިންގަމުންދާ ފަރާތް ހޯދުމުގެ މަސައްކަތް މިހިދުމަތުން މިދަނީ ކުރަމުން،” ކަމަށެވެ.
ޓިކްޓޮކް ފަދަ މަންސަތަކުގައި އެޕާޓްމަންޓާއި އެކި ބާވަތުގެ ތަކެތި ވިއްކާ ކަމަށް ބުނެ ހިންގާ ސްކޭމްތައް މިހާރު ދަނީ އިތުރުވަމުންނެވެ. މިފަދަ ފޭކް އެކައުންޓްތައް ހަދައިގެން ޖިނާއީ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ހޯދައި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
ރާއްޖޭގެ މާލީ ނިޒާމާއި ރައްޔިތުން މިފަދަ ނުރައްކާތަކުން ރައްކާތެރިކުރުމަށްޓަކައި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެންވެސް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން، ކާކުކަން ނޭނގޭ ފަރާތްތަކަށް ފައިސާ ނުފޮނުވުމަށާއި، ޝައްކުކުރެވޭ ކަމެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ރިޕޯޓްކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

