މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ “އޯޝަން ފެސްޓިވަލް” ގައި ލުއި ކާނާ އާއި ފިނި ބުއިންތައް ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭ ދިރާގު ބީޗުގައެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 17:30 އަށް ކުރިއަށްދާ މި ހަރަކާތުގައި މޭޒު ބަހައްޓައިގެން ކާބޯތަކެތި ވިއްކުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.
މިއަހަރުގެ ކަނޑުތަކުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ “އާ ތަސައްވުރެއް: އަހަރެމެން ދަންނަ ދުނިޔެއަށްވުރެ ފުން، ކަނޑުތަކާއެކު އުފައްދާ އާ ގުޅުމެއް” މިއެވެ. މި ފެސްޓިވަލަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން ތަފާތު މޫދު ކުޅިވަރުތަކާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މަސައްކަތްތައް ދައްކާލުމަށް ބާއްވާ ހަރަކާތެކެވެ. އެގޮތުން ކުޑަކުދިންނާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ތަފާތު ސްޓޯލްތައް މި ފެސްޓިވަލްގައި ހުންނާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
ކާބޯތަކެތި ވިއްކުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ ފަސް ފަރާތަކަށެވެ. މި ފުރުސަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިސްކަންދޭނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ ފަސް ފަރާތަށް ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ގޫގުލް ލިންކް މެދުވެރިކޮށް ފޯމު ހުށަހަޅަން ޖެހެއެވެ.
މި ހަރަކާތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 3339251 ނުވަތަ 3339216 ނަންބަރު ފޯނާ ގުޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

