ފީފާ ވޯލްޑް ކަޕް ގްރޫޕް ބީގައި ހޮނިހިރު ދުވަހު ރޭ ކުޅުނު ފޯރިގަދަ މެޗުގައި، ސްވިޒަލެންޑުގެ މިރޯ މުހައިމް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ގަތަރުން 1-1 އިން އެއްވަރުކޮށް، ވޯލްޑް ކަޕްގެ ތާރީޚުގައި އެގައުމުން ފުރަތަމަ ޕޮއިންޓް ހޯދައިފިއެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރީލް އެމްބޯލޯ ޖަހައިދިން ލަނޑާއެކު ސްވިޒަލެންޑުން މެޗުގެ ބޮޑުބައި ލީޑުގައި އޮތެވެ. މި ޕެނަލްޓީއަކީ ގަތަރުގެ ގޯލްކީޕަރު މަޙްމޫދު އަބޫނަދާ، ސްވިޒަލެންޑުގެ ރެމޯ ފްރޫލަރަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
މުޅި މެޗުގައި ސްވިޒަލެންޑުން 26 ހަމަލާ އުފައްދައި މެޗު ކޮންޓްރޯލް ކުރި ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ކަންތައް ވެގެންދިޔައީ އެޓީމަށް ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. ގަތަރުގެ ހޯމާމް އަޙްމަދު ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސްވިޒަލެންޑުގެ މުހައިމްގެ ބޮލުގައި ޖެހިފައި ބޯޅަ ވަނީ އަމިއްލަ ގޯލަށެވެ. މިއީ ގަތަރުގެ ބޫލަމް ޚޫޚީގެ ފަރާތުން ކުރިމަތިވި ޕްރެޝަރާއެކު ސިުވިޒަލެންޑުގެ ކީޕަރު ގްރެގޯ ކޯބެލްއަށް ސަލާމަތް ނުކުރެވުނު ބޯޅައެކެވެ.
މެޗުގެ ކުރީކޮޅު ގަތަރުގެ އެޑްމިލްސަން ޖޫނިއަރަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ސްވިޒަލެންޑުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އަދި ސްވިޒަލެންޑުގެ ޑެން އެންޑޯއީއަށް ފުރަތަމަ ހާފުގައި ހެޓްރިކެއް ހެދޭނެހާ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު، މިޝޭލް އޭބިޝަރ ފޮނުވާލި ހަމަލާއެއް ގަތަރުގެ ކުޅުންތެރިން ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.
މިއީ ގަތަރުން އެގައުމުން ބޭރުގައި ކުޅޭ ފުރަތަމަ ވޯލްޑް ކަޕް މުބާރާތެވެ. މި ނަތީޖާއާއެކު ސްވިޒަލެންޑުން ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު ހަތް ފެށުމުގެ މެޗުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު ދެމެހެއްޓި ނަމަވެސް، މެޗަށްފަހު އުފާފާޅުކުރަމުން ދިޔައީ ފަހު ވަގުތު މުހިންމު ޕޮއިންޓެއް ކާމިޔާބުކުރި ގަތަރުގެ ކުޅުންތެރިންނެވެ.

