ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސީގައި ބްރެޒިލާއި މޮރޮކޯ ބައްދަލުކުރި ފޯރިގަދަ މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ނިއު ޔޯކްގެ ފުރިފައިވާ ދަނޑެއްގައި ކުޅުނު މި މެޗުގައި ދުނިޔޭގެ ފުޓްބޯޅައިގެ ދެ ބާރުގެ ފަރާތުން ފެނިގެންދިޔައީ ވަދަވެރި ކުޅުމެކެވެ. ފަސް ފަހަރުގެ ދުނިޔޭގެ ޗެމްޕިއަން ބްރެޒިލް ސިއްސުވާލުމަށްފަހު، މެޗުގެ 21 ވަނަ މިނެޓުގައި މޮރޮކޯއަށް ކުރިހޯދައިދިނީ އިސްމާއީލް ސައިބާރީއެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ ބްރަހީމް ދިއާޒްއެވެ.
ނަމަވެސް، މޮރޮކޯއަށް މި ލީޑު ހިފަހައްޓާލެވުނީ ކުޑަވަގުތުކޮޅަކަށެވެ. މެޗުގެ 32 ވަނަ މިނެޓުގައި ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާ ވަނީ ހިތްގައިމު ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. ބްރޫނޯ ގިމަރޭޒް ދިން ބޯޅައެއް ހިފައިގެން އަރިމަތިން އެތެރެއަށް ކަނޑާލުމަށްފަހު، ވިނީޝިއަސް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ މޮރޮކޯގެ ކީޕަރު ޔާސީން ބޫނޫއަށް އެއްވެސް ފުރުސަތެއް ނުލިބި ގޯލުގެ ތެރެއަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލޫކަސް ޕަކޭޓާ ފޮނުވާލި އޮކްރޮބެޓިކް ހަމަލާއެއް ކީޕަރު ބޫނޫ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ދެވަނަ ހާފުގައިވެސް ދެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. މެޗުގެ ފަހު ވަގުތު މޮރޮކޯއިން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ވަނީ ހުޝިޔާރުކަމާއެކު ހުއްޓުވާފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮއްޓީ ބުނީ، މެޗުގެ ފެށުން ދިޔަގޮތާމެދު އޭނާ ހިތްހަމަނުޖެހޭ ކަމަށެވެ. “އަހަރެމެން މެޗު ފެށީ އެހާ ރަނގަޅަކަށް ނޫން. ގިނަ ބޯޅަތަކެއް ގެއްލި، ޕްރެޝަރުން ސަލާމަތްވާން އުނދަގޫވި. ނަމަވެސް ދެވަނަ ހާފުގައި ކުޅުން ރަނގަޅުވި،” އަންޗެލޮއްޓީ ބުންޏެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި މޮރޮކޯއަކީ ވަރުގަދަ ޓީމެއް ކަމަށާއި، މިހާރު އޭނާގެ ފޯކަސް ހުރީ ކުރިއަށް އޮތް މެޗަށެވެ.

