ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މަރުހޫމް، އަޙްމަދު ޢާސިފްގެ އާއިލާއާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތައުޒިއާގެ މެސެޖް އެ އާއިލާއަށް ރައްދުކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ވަކިވެދިޔުމަކީ އާއިލާއަށާއި މުޅި ގައުމަށް ލިބުނު ބޮޑު ހިތާމައެއްކަން ފާހަގަ ކުރެއްވިއެވެ. އަދި ގައުމީ ވާޖިބު އަދާ ކުރެއްވުމުގައި އޭނާ ދެއްކެވި ސާބިތު ކަމާއި، އިހުލާސްތެރި މަސައްކަތުގެ އަގު ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒަން ކުރައްވާފައެވެ.
މީގެ އިތުރުން، ހިތާމައިގެ މި ދަނޑިވަޅުގައި ސަރުކާރުގެ ފަރާތުން އާއިލާއަށް ބޭނުންވާނެ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންގެ ނަމުގައިވެސް އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ. އަދި ކޮމިޝަނަރގެ އަމިއްލަ ނަންފުޅުގައިވެސް އާއިލާގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.
މަރުހޫމް އަޙްމަދު ޢާސިފް ގައުމަށް ކޮށްދެއްވި ހިދުމަތް ފާހަގަކުރައްވައި، ކޮމިޝަނަރ ވިދާޅުވީ އޭނާގެ ހިދުމަތާއި ވެވަޑައިގަތް ގުރުބާނީގެ ހަނދާންތައް، ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް އާކުރާނީ އިހުތިރާމާއި ޝަރަފާއެކު ކަމަށެވެ.

