އާންމު ސިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، ދުނިޔޭގެ ލޭހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރާއިރު އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ މީހުންގެ ބައިވެރިވުން ޚާއްޞަ ގޮތެއްގައި ފާހަގަކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ ދީލަތި ފަރާތްތަކުގެ ސަބަބުން އެތައް ފުރާނައެއް ސަލާމަތްކުރެވި، ދާއިމީކޮށް ލޭ އަޅަންޖެހޭ މީހުންނާއި ކުއްލި ހާލަތްތަކުގައި ލޭ ބޭނުންވާ ބަލިމީހުންނަށް ބޭނުންވާ ފަރުވާ ވަގުތުން ފޯރުކޮށްދިނުމަށް މަގުފަހިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޭސްވެރިކަމާއި ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކުވެސް، ލެޔަކީ އޭގެ ބަދަލުގައި ބޭނުންކުރެވޭނެ އެހެން ވަސީލަތެއް ނެތް މުހިންމު އެއްޗެއްކަން ރައީސް ފާހަގަކުރެއްވިއެވެ. “އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރުމަކީ އާންމު ސިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން މުހިންމު ކަމެއް،” ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މީގެ ސަބަބުން ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށާއި ފުރިހަމަ ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ޖުޣުރާފީ އުފެދިފައިވާ ގޮތުން ރަށްތައް ވަކިވަކިން ހުރުމަކީ، ބޭނުންވާ ވަގުތު ލޭ ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުރުން މުހިންމުވާ ސަބަބެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން އާންމުން ހޭލުންތެރިކުރުވައި، އަމިއްލައަށް ލޭ ހަދިޔާކުރުމަށް ބާރުއެޅުމަށާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ގުޅިގެން މަސައްކަތް ކުރުމަށް އިސްކަންދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 14 ވަނަ ދުވަހަކީ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ ގޮތުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ލޭ ހަދިޔާ ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޤަވާއިދުން ލޭ ހަދިޔާކުރާ މީހުން އިތުރުކުރުމަށް ބާރުއެޅުމެވެ.

