ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު، ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ހުޅުމާލޭ އޮރެންޖު ހިޔާގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއެކު ހިންގަމުންދާ މި ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރެއްވީ މެންދުރުގެ ވަގުތެއްގައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބަލިމީހުންގެ ވޯޑާއި، ލޭ ހަދިޔާކުރާ ޑޯނަރުންގެ ވޯޑުގެ އިތުރުން ލެބޯޓްރީއާއި ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ހާލަތު ބައްލަވާލައްވައި، އެ ތަންތަނުގެ ޚިދުމަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު އޮޅުންފިލުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖޭގައި ތެލެސީމިއާ ބަލިމީހުންނަށް ފޯރުކޮށްދޭ ފަރުވާއާއި، މާލީ އެހީތެރިކަމާއި، އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ވަނީ ޚާއްޞަ އިސްކަމެއް ދެއްވާފައެވެ. އެގޮތުން، ތެލެސީމިއާ ބަލި ތަޙައްމަލުކުރަމުންދާ ކޮންމެ ފަރުދަކަށާއި އެ ފަރުދުން ނިސްބަތްވާ ޢާއިލާތަކަށް ބޭނުންވާނެ ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަން ފަހިކޮށްދިނުމުގައި ސަރުކާރުން އަދާކުރާ ޒިންމާއާއި މަސްއޫލިއްޔަތުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރައްވައެވެ.
ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމާއެކު، އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ ސިއްޙީ ކަންކަމާއި ސިއްޙަތާއި އާއިލާއާއި އިޖުތިމަޢީ އެހީއާބެހޭ ވަޒީރު، ޤީލާ ޢަލީއާއި، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމެވެ. މީގެ އިތުރުން ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން، މުޙައްމަދު ޙުސައިން ޝަރީފްވެސް މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތްތަކާއި ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އޮރެންޖް ހިޔާއަށް ބަދަލުކޮށް، އެތަން ރަސްމީކޮށް ހުޅުވާފައިވަނީ 25 މޭ 2025 ގައެވެ.

