2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ޖަރުމަނުން ކުޅޭ ފުރަތަމަ މެޗުގައި އަލަށް ވޯލްޑް ކަޕަށް ކޮލިފައިވި ކުރަސާއޯއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ އަމާޒަކީ ވޭތުވެދިޔަ 12 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ފުރަތަމަ މެޗުން މޮޅުވުމެވެ.
އެމެރިކާގެ ހިއުސްޓަންގައި ކުޅޭ މި މެޗަށް ޖަރުމަނުން ނުކުންނައިރު، އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަޕްގައި ވެސް އެ ޓީމު ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ. އެގޮތުން 2018 ވަނަ އަހަރު މެކްސިކޯ އަތުން ބަލިވިއިރު، 2022 ވަނަ އަހަރު ވަނީ ޖަޕާން އަތުން ބަލިވެފައެވެ. ޖަރުމަނުން އެންމެ ފަހުން ވޯލްޑް ކަޕެއްގެ ފުރަތަމަ މެޗުން މޮޅުވީ 2014 ވަނަ އަހަރު ޕޯޗުގަލް އަތުން 4-0 އިންނެވެ.
ޖަރުމަނުގެ ކޯޗު ޖޫލިއަން ނާގަލްސްމަން ވަނީ މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިދިކޮޅު ޓީމަކީ ކުޑަ ޓީމެއް ކަމަށް ބަލައި ފަރުވާކުޑަނުކުރުމަށް އިންޒާރު ދީފައެވެ. އޭނާ ބުނިގޮތުގައި ކުރަސާއޯއަކީ ނުރައްކާތެރި ޓީމެކެވެ. މި މެޗުގައި ޖަރުމަނުގެ ގޯލް ބަލަހައްޓާނީ އަނިޔާއިން ސަލާމަތްވެފައިވާ ތަޖުރިބާކާރު ކީޕަރު މެނުއަލް ނޯޔާއެވެ. މިއީ އޭނާ ގައުމީ ޓީމަށް ކުޅޭ 125 ވަނަ މެޗެވެ. މީގެ އިތުރުން ޒުވާން ޑިފެންޑަރު ނަތަނިއަލް ބްރައުންއަށް މި މެޗުގައި ފުރުސަތު ދޭނެކަން ކޯޗު ވަނީ ކަށަވަރުކޮށްދީފައެވެ.
އަނިޔާއަށްފަހު އެނބުރި އައި ޖަމާލް މުސިއާލާއާ ގުޅޭގޮތުން ކޯޗު ބުނީ އޭނާ އަދި ސައްތައަކަށް ފިޓް ނޫން ނަމަވެސް، ފޯމަށް އައުމަށްޓަކައި ކުޅުމުގެ ވަގުތު ބޭނުންވާ ކަމަށާއި، އެހެންކަމުން އޭނާ ފުރަތަމަ އެގާރައިގައި ހިމަނާނެ ކަމަށެވެ.
ކުރަސާއޯގެ ކޯޗު ޑިކް އެޑްވޮކާޓް ބުނީ މިއީ އެ ގައުމަށް ތާރީޚީ މެޗެއް ކަމަށާއި، ދުނިޔޭގެ ވަރުގަދަ ބާރަކާ ދެކޮޅަށް ނުކުންނައިރު އެ ޓީމަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށެވެ. އެ ޓީމުގެ ކެޕްޓަން ލިއަންޑްރޯ ބަކޫނާ ބުނިގޮތުގައި ކުރަސާއޯގެ ޓީމަކީ އުފާވެރި މާހައުލެއްގައި މަސައްކަތްކުރާ ޓީމެއް ނަމަވެސް، ދަނޑުމަތީގައި އެންމެ ފުރިހަމަ ހިތްވަރު ދައްކާނެއެވެ.
ގްރޫޕް އީގެ މި މެޗު ކުޅޭނީ ރާއްޖެ ގަޑިން މިރޭ 22:00 ގައެވެ. ޖަރުމަނުން ބޭނުންވަނީ ކުރިއަށް އޮތް އައިވަރީ ކޯސްޓާއި އިކުއެޑޯ މެޗުގެ ކުރިން އިތުބާރު ހޯދުމަށެވެ.

