ދ. މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގެ އިތުރު ބުރު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އިސްލާހީ ސިޔާސަތުތަކަށް ރައްޔިތުންގެ ބޮޑު ތާއީދެއް އޮތްކަން ހާމަވެގެންދިޔަ ކަމެއް ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް އިއްޔެ ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާ މިއަދު އިއުލާނުކޮށްފައިވާއިރު، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ވަނީ 54.09 އިންސައްތަ ވޯޓާއެކު ގޮނޑި ކާމިޔާބު ކުރައްވާފައެވެ. މި ކާމިޔާބީއާއެކު މީދޫ ކައުންސިލްގެ ތިން ގޮނޑިވެސް މިހާރު ކޮންޓްރޯލް ކުރަމުންދަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. މި އިންތިޚާބަކީ މީގެ ކުރިން ބޭއްވި ވޯޓުގައި ދެ ކެންޑިޑޭޓުން އެއްވަރުވުމާ ގުޅިގެން ހައިކޯޓުގެ ނިންމުމަކަށް ބޭއްވި އިތުރު ބުރެކެވެ.
އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ފަލާހު ވިދާޅުވީ، މި ނަތީޖާއިން ސާފުވެގެން ދިޔައީ ޕީއެންސީން ފޯކަސްކޮށްގެން މަސައްކަތް ކޮށްފިނަމަ ކޮންމެ އިންތިޚާބެއްވެސް ކާމިޔާބު ކުރެވޭނެ ކަމެވެ. އަދި މި ކާމިޔާބީއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ލިބުނު ބޮޑު ޔަގީންކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. “މީދޫގެ މިނަތީޖާއިން އެނގިއްޖެއޭ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރަށް އަދި ރައީސުލްޖުމްހޫރިއްޔާއަށް އަދި އެމަނިކުފާނު ކުރައްވާ އިސްލާހީ މަސައްކަތަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު،” ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން، މި މަހު ކުރީކޮޅު ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް އަލިއަޅުވާލައްވަމުން ފަލާހު ވިދާޅުވީ، އެ ދާއިރާގައި އެމްޑީޕީގެ މެންބަރުން ގިނަ ނަމަވެސް، ވޯޓު ފޮށިތަކުން ޕީއެންސީން ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. މީދޫ އިންތިޚާބުގައި ޕީއެންސީން ވާދަކުރަން ޖެހުނީ ހަމައެކަނި އެމްޑީއޭއާ ނޫން ކަމަށާއި، އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފްގެ ތާއީދުވެސް އޮތީ އަނެއް ކެންޑިޑޭޓަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ކާމިޔާބީ ފާހަގަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހަވީރު ވަނީ މީދޫއަށް ވަޑައިގެންފައެވެ. ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު، މި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބާއްވާ ހާއްސަ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

