ހދ. ފިނޭގައި އަލަށް ބިނާކުރި ފުލުހުންގެ އައު އިމާރާތް “ހދ. ފިނޭ ޕޮލިސް ސްޓޭޝަން” ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި ސްޓޭޝަން ހުޅުވުމަށް ފިނޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފިނޭ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޢަލީއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅާފައިވަނީ 2025 އޯގަސްޓް 28 ވަނަ ދުވަހުއެވެ. މިއީ ރަށްރަށުގެ އަމާންކަން ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
ހދ. ފިނޭގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރެވުމަކީ އެ ރަށުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފުލުހުންގެ ޚިދުމަތް ލިބިގެންދިއުމުގެ އިތުރުން، ގާނޫނު ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވެ، ފުލުހުންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
މި ސްޓޭޝަން ހުޅުވިގެން ދިއުމާއެކު، ހދ. ފިނޭގައި ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދެވި، ފިނޭގެ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ގާއިމުވެގެންދާނެއެވެ. މިއީ މުޖުތަމައުގެ ކުށްމަދުކުރުމަށާއި އާންމު މަސްލަހަތު ހިމާޔަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މިއަދުގެ މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރްހާދު ފިކުރީ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދާއި އެމް.ޓީ.ސީ.ސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ސިނާން ޢަލީގެ އިތުރުން ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

